ހަބަރު

ފްލެޓް ލިސްޓް ލީކެއް ނުވޭ، އެއީ އޮޅުވާލުމެއް: މުއިއްޒު

Feb 17, 2018
23

ހައުސިން މިނިސްޓްރީގެ ތެރެއިން ފްލެޓު ދިން މީހުންގެ ލިސްޓެއް ބޭރެއް ނުވާ ކަމަށާއި ލީކުވި ލިސްޓަކީ ބަޔަކު އޮޅުވާލައިގެން ހަދާފައި އޮތް ލިސްޓެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުމާލޭގައި އަލަށް ހެދި 704 ފްލެޓްގެ ތެރެއިން، ފްލެޓް ލިބުނު 661 މީހުންގެ ވަނަވަރު ހާމަ ކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދާފައި ވަނިކޮށް، ފްލެޓު ލިބުނު މީހުން ކަމަށް ބުނާ ލިސްޓެއް އާންމުވެ، ހައުސިން މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ މައްސަލާގައި މާ ގިނަ ވާހަކަތަކެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. ފްލެޓު ދިން ގޮތުގެ ހުރިހާ މައުލޫމާތެ ހާމަކޮށްފައިވާ ކަމަށާއި އެއްވެސް ބައެއްގެ ހައްގަށް އަރައިގެންފައި ނުވާނެ ކަމަށެވެ. އަދި ލީކުވެގެން އުޅޭ ލިސްޓަކީ ބަޔަކު މީހުން ހަދާ އޮޅުވާލާފައި އޮތް ލިސްޓެއް ކަމަށާއި މިނިސްޓްރީގެ އެއްވެސް ތަނަކުން އެއްވެސް އެއްޗެއް ލީކުވެފައި ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ޓޯޓަލް ފެބްރިކޭޓަޑް އެއްޗެއް އެއީ، ލީކުވި އެއްޗެއް ނޫން މިނިސްޓްރީގެ އެއްވެސް ތާކުން އެއްވެސް ސިފައެއްގައި އެއްވެސް މިންވަރަކަށް އޮތް ލިސްޓެއް ވެސް ނޫން އެއީ، ބަޔަކު އަމިއްލައަށް ހަދައިގެން ސަރުކާރު ބަދުނާމު ކުރުމަށްޓަކައި ނެރިގެން އުޅޭ އެއްޗެއް، ސަރުކާރުން އެ މީހުން ބުނާ ޣައިރު ޒިންމާދާރު ގޮތަކަށް ނޫނީ އޮޅުވާލައިގެން ނޫނީ ހައްގަށް އަރައިގެނެގެން ކަންކަމެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލީކުވި ލިސްޓުގައިވާ ގޮތުން ފްލެޓަށް ޝަރުތު ހަމަވި 259 މީހުންގެ ނަން އުނި ކުރުމަށް ފަހު ޝަރުތު ހަމަ ނުވާ "މިނިސްޓާ ލިސްޓް" ގެ ދަށުން 261 މީހަކަށް ފްލެޓު ވަނީ ދީފަ އެވެ. އަދި 109 ޕޮއިންޓު ލިބުނު ބައެއް ފަރާތްތަކުގެ ނަން އުނި ކުރުމަށް ފަހު 90 ޕޮއިންޓު ލިބުނު ބައެއް ފަރާތްތަކަށް ފްލެޓު ދީފައިވާ ކަން ވެސް ލީކުވި ލިސްޓުން ދައްކަ އެވެ. އޭގެ އިތުރުން "މިނިސްޓާ ލިސްޓު" ގައި ފްލެޓު ދީފައި ވަނީ 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމަޔަށް ލިބިފައި ހުރި 261 މީހުންނަށް ކަމަށް ވެސް އެ ލިސްޓުގައިވެ އެވެ.

އެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް ލީކުވި ލިސްޓުގައި ހުރި ފޯމު ނަމްބަރުތަކާއި ހައުސިން އިން ގެޒެޓު ކުރި ލިސްޓުގައި ހުރި ނަމްބަރުތަކާ ދިމާވެ އެވެ. އަދި އެ ލިސްޓުގައި ހުރި މައުލޫމާތުތަކާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މައުލޫމާތުތަކާ ދިމާވެ އެވެ. އޭގެ އިތުރުން ފްލެޓު ލިބުނު ބައެއް ފަރާތްތަކަށް ގުޅާ މައުލޫމާތު ސާފު ކުރި އިރު އެ ފަރާތްތަކަށް ލިބުނު ޕޮއިންޓުތަކުގެ އަދަދުތައް ވެސް ލީކުވި ލިސްޓުގައިވާ އަދަދުތަކާ ދިމާވެ އެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން އަގު ހެޔޮކޮށް ދޫކުރި ފްލެޓުތައް ލިބުން މީހުންގެ ވަގުތީ ލިސްޓު އާންމު ކުރިއިރު ނަން ހާމަ ކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހެދުމާ ގުޅިގެން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ފްލެޓު ދިން ގޮތުގެ މައުލޫމާތު އޭސީސީއާ ހިއްސާ ކުރުމަށް ފަހު ތަހުގީގު ނުނިމެނީސް އެ މިނިސްޓްރީން ވަނީ ފޯމު ނަމްބަރުތައް އެކަނި ހިމެނޭ ގޮތަށް ދާއިމީ ލިސްޓު ވެސް އާންމުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ވެސް މައުލޫމާތުތައް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ލިސްޓެއް ލީކްވި މައްސަލައިގައި ހައުސިން މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީގެ އެތެރޭގެ ތަހުގީގެއް ހިންގައިފަ އެވެ.