ހަބަރު

މީޑިއާތަކަށް ކުރި އަނިޔާ ޕީޕިއެމްއަށްވީ ފިލުމަކަށް!

ބައެއް މީޑިއާތަކުން ނޫސްވެރިންގެ ނަމުގައި މުޒާހަރާ ކަވަރު ކުރަން ނެރުނީ އެކްޓިވިސްޓުންތަކެއް ކަމަށާއި މުޒާހަރާތައް ރާވާ ހިންގަމުން ދަނީ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކަމަށް ބުނެ ޕީޕީއެމް އިން ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނޫސްވެރިންގެ ނަމުގައި ތިބި އިދިކޮޅު އެކްޓިވިސްޓުން މަސައްކަތް ކުރެއްވީ ފޮޓޯއެއް ހޯދަން ކަމަށާއި އެ ފަރާތްތަކުން ރޭ އުޅުނީ ފިލްމީީ މަންޒަރުތަކެއް ކުޅެން ކަމަށެވެ. އަދި އެ ފަރާތްތައް މީޑިއާގެ މަސައްކަތް ދޫކޮށްލާ ފިލްމީދާއިރާއަށް ވަނުން މާ ރަނގަޅު ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ރޭގެ މުޒާހަރާ ރާވާ ހިންގުމުގައި ވެސް ބައެއް މީޑިއާތައް މަސައްކަތް ކުރި ކަމަށާއި އެގޮތުން މުޒާހަރާގެ "ލީޑް ރޯލް" ކުޅުއްވީ ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ބައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެ ފަރާތްތަކަށް ފިޔަވަޅު އަޅައިގެން ގާނޫނާއި ގަވައިދުގެ ތެރެއަށް ފައްތަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް މީޑިއާތައް ރޭ ފެނިގެން ދިޔައީ މުޒާހަރާތައް ރާވާ ހިންގާ މިޑިއާތަށް ގޮތުގައި، އެތަނަށް ދިޔަ ނޫސްވެރިން ކަމަށް ހެދިގެން ދިޔަ ބައެއް މީހުންނަކީ އެތަނުގައި ތިބެ ލީޑް ރޯލް ކުޅުނު މީހުން، މީޑިއާގެ ޒިންމާއަކީ ހަމަހަމަ ކަމާއެކު ތަނެއްގައި ހިނގާ ކަންކަން ގެނެސްދިނުން، އެކަމެއް ނޫން ފެނުނީ، އޭގެ ބަދަލުގައި ފުލުހުންނާ ކުރިމަތިލަން ވެސް އެންމެ އިސްކޮށް ތިބީ މިޑިއާ ފާސް އަޅައިގެން ތިބި މީހުން، މިއީ މިކަން ވެގެން ވާނެ ގޮތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕިއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ބައެއް މީޑިއާތަކުން އުޅުއްވަނީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި ގަވައިދުތަކާ ކަނޑައެޅިގެން ހިލާފަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ގެޒެޓުކޮށްފައިވާ ބައެއް ނުކުތާތަށް ފާހަގަ ކުރައްވާ، ނިހާން ވިދާޅުވީ ރޭގެ މުޒާހަރާގައި ނޫސްވެރިން އަމަލު ކުރަމުން އައީ އެ ގަވައިދުތަކާ ހިލާފަށް ކަމަށާއި އެ ފަރާތްތަކުން ލައިނުން ބޭރުގައި ތިބެން ޖާގަ ފުލުހުން ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ މުޒާހަރާތަކުގައި ނަގާފައި ހުރި ފޮޓޯތަކާއި ބޭރު ގައުމުތަކުގައި ހިނގާފައި ހުރި ހާދިސާތަކުގެ ފޮޓޯތައް ނަގާ ސޯޝަލް މިޑިއާގައި ފަތުރާ، ހަލަބޮލި ކުރުމަށް ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން، އެ ފަރާތްތަކަށް އިހްތިރާމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދާ ފަރާތްތަކަކީ ސިޔާސީ ފަރާތްތައް، އަޅުގަނޑުމެން އެގޮތެއް ދުލެއް ނުކުރަން، އަދިވެސް މިތިބީ އެގޮތުގައި އަޅުގަނޑު މިހާރުވެސް މި ދަންނަވަނީ އިންސާފުވެރި ޒިންމާދާރު ނޫސްވެރިކަމެއް ކުރަން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްއިން މިހެން ބުނި ނަމަވެސް ރޭ މުޒާހަރާ ކުރިޔަށް ދިޔަ އިރު ވަކި ހިސާބަކުން ފުލުހުން މަސައްކަތް ކުރީ މީޑިއާތައް ދުރަށް ޖެއްސުމަށެވެ. އަދި ނޫސްވެރިންގެ މޫނަށް ފުލުހުން ވަނީ ޕެޕާ ސުޕްރޭވެސް ޖަހާފަ އެވެ. އަދި މިކަމުގެ ތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ އެޑީކޭގައި ފަރުވާވެސް ދޭން ޖެހުނެވެ. އެކަމުގެ ތެރޭގައި ފުލުހުން ހައްޔަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔަކު އަދިވެސް އޮތީ އޭޑީކޭގަ އެވެ.