ހަބަރު

ޗައިނާގެ އިންވެސްޓްމަންޓްތަކުން ރާއްޖޭގެ އިސްތިގުލާލު ގެއްލިދާނެ: ނަޝީދު

Feb 17, 2018
21

ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރަމުން އަންނަނީ އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތަކެއް ނަގައިގެން ކަމަށާއި އެ ލޯނުތައް އަދާނުކުރެވި ރާއްޖޭގެ އިސްތިގުލާލު އެ ގައުމަށް ގުރުބާން ކުރަން ޖެހޭ ހާލަތަކަށް އައިސްފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބާއްވާ، "ދަ ހަޑުލް 2018" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ ބިރަކީ، ބޭރުގެ ބޮޑެތި ބާރުތަކުން ރާއްޖޭގެ ބިންތައް އަތުލުން ނޫނީ "ލޭންޑް ގްރެބް" އަދި ދިވެހި ދައުލަތުގެ ތެރެއަށް އައިއެސްގެ ބާރާއި ނުފޫޒު ފެތުރިގެން ދިޔުން ކަމަށެވެ.

ލޭންޑް ގްރެބްގެ މައްޗަށް އަލިއަޅުވާ ލައްވަމުން ނަޝީދު ވިދާޅުވީ، ޗައިނާއިން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިނގާފައި ނުވާ ކަމަށާއި އެ މަޝްރޫއުތައް ހިންގަމުން ދަނީ މަޝްރޫއުތަކާ ނުބައްދަލު ބޮޑެތި އަގުތައް ޖަހައިގެން އަދި ބޮޑެތި އިންޓަރެސްޓްގައި އެ ގައުމުގެ ބޭންކްތަކުން ލޯނު ނަގައިގެން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރު އަންނަން ވާއިރު މި ލޯނުތައް ދައްކަން ޖެހޭނެ ކަމަށާއި އެކަމަކު އެއީ ދިވެހި ދައުލަތަށް އަނބުރާ ދެއްކޭނެ ވަރުގެ ލޯނުތަކަކަށް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޭރު ދަރަނީގެ 70 ޕަސެންޓް އޮތީ ޗައިނާކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަތީޖާއަކަށް ވާނީ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ދިމާވި ގޮތަށް މި ލޯނުތަކުގެ ބަދަލުގައި ރާއްޖެއިން ޗައިނާއަށް އަގު ދައްކަން ޖެހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ލޯނުތަކުގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެވެސް އަގެއް އެ ގައުމަށް، ޗައިނާއަށް ދައްކަން ޖެހޭ ހިސާބަށް ކަންކަން ހިނގައިދާނެ. ނަތީޖާއަކަށް ވާނީ އަޅުގަނޑުމެން ބަދަލުގެ ގޮތުގައި މި ދިވެހި ބިމުން ބައެއް އެ ގައުމަށް ދޭން ޖެހުން. ސްރީލަންކާ ފަދަ ގައުމުތަކުން މި ފެންނަނީ އެ މިސާލުތައް. އެ ހިސާބުން އަޅުގަނޑުމެންގެ ގައުމު، ރާއްޖޭގެ އިސްތިގުލާލު އޮންނާނީ ނުރައްކަލަށް ހުށަހެޅިފައި. މިއީ އަޅުގަނޑު މި ދަންނަވާ ލޭންޑް ގްރެބް ގެ ވާހަކައަކީ. މިއީ ގޫގުލްގައި އޮންނާނެ ޑެފިނިޝަންއެއް ނޫން. މިހާރު މިކަން އަޅުގަނޑުމެން ދަންނަ ކަމަކަށް ނުވެދާނެ. އެކަމަކު މިއީ އަޅުގަނޑަށް ފޯކާސްޓް ކުރެވޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުލެ-ހުޅުމާލެ ދެމެދު ބްރިޖެއް އެޅުމަށް އެމަނިކުފާނުގެ ވެރިކަމުގައި އަގު ހޯއްދެވި އިރު ގާތްގަނޑަކަށް 75 މިލިއަން ޑޮލަރަށް ބްރިޖް އެޅޭ ކަމަށެވެ. ނަމަވެސް ޗައިނާގެ އެހީގައި ބްރިޖް އަޅަނީ 200 އެތައް މިލިއަން ޑޮލަރެއް އަގުބޮޑުކޮށްކަމަށް ނަޝީދު ވިދާޅުވި އެވެ. މިއީ ހާމަކަމެއް ނެތް ފޮރުވިފައިވާ ޑީލްތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއާ މެދު އެއްވެސް ޒާތީ ކަމެއް ނެތް ކަމަށެވެ. އެކަމަކު އެމަނިކުފާނު ޗައިނާގެ ކިބައިން އެދެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކިލަބު ކުރުމަށް މަސައްކަތް ނުކުރުމަށާއި އެ ގައުމުގެ ތަނަވަސްކަން ދެ ފުށްފެންނަ އިންވެސްޓްމަންޓްތަކަށް ހޭދަކޮށް ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތާއީދުކޮށް ދެއްވުމަށް ކަމަށެވެ.

"ޗައިނާއާ މެދު އަޅުގަނޑުގެ ޒާތީ ކަމެއް ނެތް. އަޅުގަނޑުގެ ސިޔާސީ ފިކުރަކީ ވެސް ހުޅުވާލެވިފައިވާ އިންވެސްޓްމަންޓްގެ ފުރުސަތުތަކަށް ޖާގަ ދިނުން. ބޭރުގެ އިންވެސްޓަރުންނާއި އިންވެސްޓްމަންޓްތަކަށް އަޅުގަނޑުގެ އަބަދުވެސް ތާއީދު ކުރާނެ. ހަމައެކަނި ޗައިނާއިން އެދޭހާ ވެސް ކަމަކީ ރާއްޖޭގެ މި އޮތް ވެރިކަމުގެ ނިޒާމު ކިލަބުކުރަން މަސައްކަތް ނުކޮށް އަޑި ނޭނގޭ ފޮރުވިފައިވާ އިންވެސްޓްމަންޓްތަކަށް ޗައިނާގެ ފައިސާ ރާއްޖޭގައި ހޭދަނުކޮށް ދެ ފުށްފެންނަ ގޮތަށް އިންވެސްޓްމަންޓްތައް ހިންގެވުން. ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް އިހުތިރާމް ކުރައްވައިގެން އިންވެސްޓް ކުރެއްވުން. އަޅުގަނޑުގެ ޗައިނާގެ ކިބައިން މި އެދެނީ އުޑުން ތަރި ބާލައި ދޭކަށް ނޫން. އޭގެ ޒާތުގައި ވަރަށް ކުޑަކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ޗައިނާގެ އެމްބަސީއެއް އެމަނިކުފާނު ވެރިކަމުގައި ރާއްޖޭގައި ހުޅުވި މައްސަލައިގައި ނަޝީދު ވިދާޅުވީ ޗައިނާ-ރާއްޖޭގެ ގުޅުމަކީ ރައީސް މައުމޫންގެ ދުވަސްވަރު ފެށިގެން ވެސް ބަދަހިވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އެމަނިކުފާނު 2008 ގައި ވެރިކަމަށް އައުމަކީ ޗައިނާ-ރާއްޖެއާ ދެމެދު ފެށިފައި އޮތް ހާރިޖީ ގުޅުން ހުއްޓުވާ ލެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ އިންޑިއާ ކަނޑުގެ ސުލްހަޔަށް ޓަކައި ޗައިނާ- އިންޑިއާ ވެސް ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ. އަދި އެ ދެގައުމުގެ ވާދަވެރި ކަމަކީ ސަރަހައްދުގެ ސުލްހަޔަށް އެޅޭ ހުރަކަށް ވެގެން ނުވާނެ ކަމަށް އުންމިދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މައްސަލައަކީ ސަރަހައްދުގެ ސުލްހަޔަށް އެޅޭނެ ހުރަހެއް ކަމަށެވެ. އަދި ރާއްޖޭގެ މައްސަލަ ދުވަހެއް ދުވަހަކަށް ހޫނުވެ ހައްޔަރުކޮށް އަނިޔާ ލިބޭ މީހުން ގިނަވެ، ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ކުރިމަތިވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިއީ އިންޑިއާ ވެސް އަދި ސަރަހައްދުގެ އެހެން ގައުމުތައް ވެސް ސީރިއަސްކޮށް ވިސްނައި ކަންކަން ހައްލު ކުރަން ފިޔަވަޅު އަޅަން ޖެހޭ ފަދަ ބޮޑު މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އައިސްގެ ބާރު ރާއްޖޭގައި ފެތުރެމުން އަންނަ މައްސަލައިގައި ނަޝީދު ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ދާހިލީ ހަނގުރާމަޔަށް ދާ ގައުމު ކަމަށެވެ. އެކަން އެގޮތަށް ވަނީ އައިސްގެ ނެޓްވޯކެއް ރޭވިގެން ރާއްޖޭގައި ހަރަކާތްތެރިވާތީ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އިމިގްރޭޝަނާއި ކަސްޓަމްސް އަދި މުހިންމު މުއައްސަސާތަކުގެ ތެރެއަށް މި މީހުން ފޭދި ސިއްރު ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރޭގައި ވެސް ވަރަށް ވެސް މަދު ބަޔަކު އައިއެސްގެ ފިކުރުގައި ތިބެ މަސައްކަތް ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެފަދަ ފަރާތްތަކުން ރާއްޖެއާ މެދު ގެންގުޅޭ ވިސްނުމާއި އެ މީހުން ދެކޭ ހުވަފެން ތަފާތު ކަމަށް ނަޝީދު ވިދާޅުވި އެވެ.