ހަބަރު

މާފުށީގައި މުޒާހަރާ ކުރުމުން މަހުލޫފް އަނެއްކާވެސް ފުލުހަށް

ކ. މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލާގައި ގަލޮޅ ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ފުލުހަށް ހާޒިރުވުމަށް އަނގައި އޭނާއަށް ޗިޓުކޮޅު ފޮނުވައިފި އެވެ.

ފުލުހުން މަހުލޫފަށް މިއަދު ފޮނުވާފައިވާ ހާޒިރުވުމުގެ ޗިޓުކޮޅުގައި ބުނެފައި ވަނީ މި މަހު ތިން ވަނަ ދުވަހު މަހުލޫފް އާއި އިތުރު ބަޔަކު އިސް ނަގައިގެން މާފުށީ ޖަލުގެ ކުރިމައްޗަށް އެއްވެ، މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބަޔަކު ޖަލުގެ މައި ގޭޓު މައްޗައް އަރައި ގޭޓު ތަޅުވައި އެތެރެއަށް ވަންނަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެއްގައި ބަޔާން ނެގުމަށް ކަމަށެވެ.

މި ހަފްތާގެ ތެރޭގައި މަހުލޫފް ވަނީ ތިން ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާ ހާޒިރުކޮށްފައި ވަނީ އޭނާ ކުރި ޓްވީޓްތަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.