ދުނިޔެ

ބިންލާދިންގެ މަރާ ބެހޭ ގޮތުން އެމެރިކާ އިން ހެދީ ހުސް ދޮގު ކަމަށް ބުނެފި

May 12, 2015

އަލްގާއިދާގެ ލީޑަރު އުސާމާ ބިން ލާދިން ޕާކިސްތާނުގައި އުޅެނިކޮށް މަރާލުމުގެ ހުރިހާ މޮޅެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނެންނެވި ނަމަވެސް ކަން ހިނގާފައި ވަނީ އޮބާމާ ވިދާޅުވި ގޮތަށް ނޫން ކަމަށާއި ބިންލާދިން ހޯދައި ހުރިހާ ކަމެއް އެމެރިކާ އަށް ފަހިކޮށްދިނީ ޕާކިސްތާނުން ކަމަށް އެމެރިކާގެ މަޝްހޫރު އިންވެސްޓިގޭޓިވް ޖާނަލިސްޓް ސީމޯ ހާޝް ބުނެފި އެވެ.

މަޝްހޫރު އެކި ނޫސްތަަކަށް މަސައްކަތްކޮށްދޭ ހާޝް ލަންޑަން ރިވިއު އޮފް ބުކްސްގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައި ވަނީ މޭ 2، 2011 ގައި އެމެރިކާ ސިފައިންގެ ސީލް ޓީމެއް ޕާކިސްތާނަށް ވަދެ ބިންލާދިން މަރާލީ އޭނާ އަށް ތަކެތި އުފުލައިދޭ މީހަކު ދެނެގަނެ، ބިންލާދިން ހުރިތަން ދެނެގަތުމަށް ފަހު އެމެރިކާގެ އަމިއްލަ މަސައްކަތުން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ހާޝް ބުނެފައި ވަނީ ބިންލާދިން ހުރިތަން ޕާކިސްތާނުގެ ޖާސޫސުންނަށް ވަރަށް ކުރިން ވެސް އެނގޭ ކަމަށާއި އެމެރިކާ އަށް މައުލޫމާތު ފޯރުކޮށްދިނީ ބިންލާދިންއާ ބެހޭ މައުލޫމާތު ދޭ މީހަކަށް އެމެރިކާ އިން ހުށަހެޅި 25 މިލިއަން ޑޮލަރުގެ ބޭނުމުގައި ޕާކިސްތާނުގެ ޖާސޫސުންގެ ތެރެއިން މީހަކު ކަމަށެވެ.

ބިންލާދިން އުޅުނު ގެޔާ ހިސާބަށް ހެލިކޮޕްޓަރުގައި ސީލް ޓީމް ވަނީ ވެސް ޕާކިސްތާނަށް ނޭނގި ކަމަށް ބުނާއިރު އެއީ ވެސް ދޮގެއް ކަމަށާއި ހެލިކޮޕްޓަރު ވަންނަން ވެސް ޕާކިސްތާނުން ހުއްދަ ދިން ކަމަށް އެމެރިކާ އާއި ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ހާޝް ބުނެފައިވެ އެވެ.

ބިންލާދިން މަރާލުމުގެ ކުރިން އޭނާގެ ގޭތެރޭގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމަށް ބުނި ނަމަވެސް އެ ގޭތެރޭގައި ބަޑި ޖެހީ އެންމެ ފަހަރަކު ކަމަށާއި އެއީ ބިންލާދިން މަރާލަން ޖެހި އުންޑަތަކެއް ކަމަށް ހާޝް ބުނެ އެވެ.

ހާޝްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ އެމެރިކާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި ބިންލާދިން މަރާލުމަށް ބަޑި ޖެހި ކަމަށް ބުނާ މީހާ ވެސް ވަނީ ހާޝްގެ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށް ބުނެފަ އެވެ.

ހާޝް ބުނަނީ 2006 އިން ފެށިގެން ބިންލާދިން ހުރީ ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ބިންލާދިން އަށް ސައޫދީ އަރަބިއްޔާ އިން ފައިސާގެ އެހީ ވެސް ލިބެމުން ދިޔަ ކަމަށެވެ. ބިންލާދިން މަރާލުމުގެ ހަމަލާ އަށް ޕާކިސްތާނުން އެއްބަސްވީ، ބިންލާދިން އުޅޭ ތަން ޕާކިސްތާނުގެ ޖާސޫސީ އިދާރާ އަށް އެނގޭކަން އެމެރިކާ އަށް ފަޅާއެރި ހިސާބުން ކަމަށް ވެސް ހާޝްގެ އާޓިކަލްގައި ބުނެ އެވެ. ޕާކިސްތާނުގެ މިލިޓަރީ އެކެޑެމީއަކާ ދުރު ނޫން ހިސާބެއްގައި ހުރި ގެއެއްގައި ބިންލާދިން އުޅޭކަން އެމެރިކާ އިން ކަށަވަރު ކުރުމަށް އެ ގޭގައި އުޅޭ މީހުންގެ ޑީއެންއޭ ހޯދުމަށް ހިންގި ސިއްރު އޮޕަރޭޝަންގައި ވެސް ޕާކިސްތާނުގެ އޮފިޝަލުން ބައިވެރިވެފައިވާ ކަމަށާއި މިގޮތަށް އެހީވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އަށް މާލީ އެހީ ދޭން ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ކަމަށްވެ އެވެ.

ބިންލާދިންގެ މަރުގެ ހަބަރު އެމެރިކާ އިން އިއުލާނުކުރަން އެއްބަސްވީ، ބިންލާދިން މަރާލާތާ ހަފުތާއެއް ފަހުން ކަމަށް ވެސް ނޫސްވެރިޔާ ބުނެ އެވެ. ޑްރޯން ހަމަލާއެއްގައި ބިންލާދިން މަރުވީ ކަމަށް އިއުލާނުކުރަން ރާވާފައި އޮއްވައި، އެމެރިކާގެ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބިންލާދިންގެ ގޭ ގޯތިތެރެއަށް ވެއްޓުމުން މައުލޫމާތު ހިފެހެއްޓެން ނެތިގެން އެމެރިކާގެ ރައީސް އޮބާމާ ބިންލާދިންގެ މަރުގެ ވާހަކަ ރަސްމީކޮށް އިއުލާނުކުރީ ކަަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ވާހަކަތަކާ ގުޅިގެން ވައިޓް ހައުސް އާއި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ވެސް ބުނީ ހާޝްގެ ލިޔުން ބިނާކޮށްފައި ވަނީ ވަރަށް ބައިވަރު ދޮގުގެ މައްޗަށް ކަމަށެވެ.