ވިޔަފާރި

ޓެކްސް ދެއްކުން ފޯނުން، މީރާއަށް ދިއުން ނިމުމަކަށް!

May 12, 2015

ޓެކުހުގެ ފައިސާ ދައްކަން ގޮސް، މީރާގެ ކިޔޫގައި ކިހާ އިރަކު މަޑުކުރަން ހެއްޔެވެ؟ ތިޔަ މި ކިޔޫގައި އިނުމުގެ ބޭނުމެއް މިހާރަކު ނެތެވެ. މީރާ އިން މި ވަނީ ޓެކްސް ދައްކަން މާ ފަސޭހަ ލުއި ނިޒާމެއް ތައާރަފު ކޮށްފަ އެވެ. މި ނިޒާމު މެދުވެރިކޮށް އޮންލައިނުން ޓެކްސް ދެއްކިދާނެ އެވެ. މި ހިދުމަތުގެ ސަބަބުން ޓެކުހުގެ ފައިސާ ވެސް އޮންލައިންކޮށް ފޯނުން ދައްކާލަން ވީ އެވެ.

"މިހާރު ހަގީގަތުގައި ކިޔޫގައި އިނުމުގެ ބޭނުމެއް ނެތް. އަޅުގަނޑުމެން މި ދިނީ ޓެކްސް އާއި ފީ ދައްކާ ބޭފުޅުންނަށް ފަސޭހަ އޮޕްޝަނެއް،" މީރާގެ ޑިރެކްޓަރ ޖެނެރަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވި އެވެ.

ޓެކުހާއި ފީ ދައްކާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން މީރާ އިން ދޭން ފެށި ހިދުމަތް ބޭނުންކޮށްގެން ޖީއެސްޓީ އާއި ބީޕީޓީ އަދި ޓީޖީއެސްޓީގެ އިތުރުން އެހެނިގެން ފީތަކާއި ޖޫރިމަނާ ވެސް ފަސޭހަކަމާއެކު އޮންލައިނުން މިހާރު ދެއްކިދާނެ އެވެ. މީގެ ސަބަބުން މިރާގެ ކިޔޫގައި މަޑުކުރުމުގެ ބޭނުން ކެނޑިއްޖެ އެވެ.

މި ހިދުމަތް ހޯދުމަށް ފުރަތަމަ ޖެހޭނީ މީރާގެ އޮންލައިންގައި ރަޖިސްޓްރީ ކުރާށެވެ. އޮންލައިނުން ޓެކްސް ދައްކާ ފަރާތްތަކަށް ތިން ގޮތެއް ހިޔާރު ކުރެވިދާނެ އެވެ. އެއް ގޮތަކީ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް (އެމްއާރްޓީޖީއެސް) ފެސިލިޓީގެ ތެރެއިން ޓެކްސް ދެއްކުމެވެ. މި ނިޒާމުން ނަގައިގެން ޓެކްސް ދައްކާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ބޭންކަކަށް ގޮސް ވެސް މީރާއަށް ދައްކަން ޖެހޭ ޓެކްސް ދައްކާ ލެވޭނެ އެވެ.  މި ނިޒާމުގެ ބޭނުން ކުރެވޭނީ 2013 ވަނަ އަހަރު މީރާއިން ތައާރަފު ކުރި "މީރާ ކަނެކްޓް" ގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށެވެ. މި ހިދުމަތް ނެގުމުން ލިބޭނެ ފަސޭހައަކީ ވިޔަފާރިތަކުން ބޭންކަށް ގޮސް މުއާމަލާތްތައް ހިންގާއިރު ޓެކުހުގެ ފައިސާ ވެސް ދައްކާލަން ފުރުސަތު ލިބުމެވެ. މީގެ ސަބަބުން ބޮޑެތި ވިޔަފާރިތަކުގެ މުވައްޒަފުން މީރާގެ "ޓެކްސް ކިޔޫގައި" ތިބޭކަށް ނުޖެހޭނެ އެވެ.

މީރާ އިން ތައާރަފުކުރި އަނެއް ގޮތަކީ މީރާގެ ޓެކްސް ދެއްކޭ ގޮތަށް ހާއްސަ ކާޑެއް ތައާރަފު ކުރުމެވެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން "ވާރު" ގެ ނަމުގައި ތައާރަފުކުރި މި ކާޑަކީ މީރާއަށް ހާއްސަ ކާޑެކެވެ. މި ހިދުމަތް ވެސް ބޭނުންކުރެވޭނީ މީރާ ކަނެކްޓް ނަގައިގެންނެވެ.

ކުރިން ވާހަކަ ދެއްކެވި، ފަތުހުﷲ ވިދާޅުވީ މި ކާޑަކީ ހަމައެކަނި ޓެކްސް ދެއްކުމަށް ހާއްސަ ކާޑެއް ކަމަށެވެ.

"މި ކާޑުން ހަމައެކަނި ދެއްކޭނީ ޓެކްސް އާއި ފީ. އެހެން ބޭނުމެއް ނުކުރެވޭނެ. މީގެން ވިޔަފާރިއެއް ނުކުރެވޭނެ. އެހެންވެ މި ކާޑު ދެވިދާނެ ސްޓާފެއްގެ އަތަށް ވެސް. ކާޑުން ކުރާ މުއާމަލާތްތައް މީރާއިން ބަލަމުން ގެންދާނެ،" ފަތުހުﷲ ވިދާޅުވި އެވެ.

ޓެކްސް ދެއްކުމަށް ތައާރަފު ކުރި އަނެއް ގޮތަކީ ކޭޝް ކާޑު ބޭނުންކޮށްގެން ޓެކްސް ދެއްކުމެވެ. މި ހިދުމަތް މެދުވެރިކޮށް ޓެކްސް ދައްކަން ބޭނުންވާ ފަރާތެއްގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސް ދެއްކިދާނެ އެވެ. މިއީ މިހާރު ވެސް އާއްމު އުސޫލުން ފައިސާ ދައްކާ ގޮތަށް އޮންލައިންކޮށް ހޯދޭ ހިދުމަތެކެވެ.

ފަތުހުﷲ ވިދާޅުވީ މި ފަސޭހަ ހިދުމަތްތުގެ ބޭނުން ކުރުން މުހިންމު ކަމަށެވެ.

"މިހާރު ގިނަ ރަށްރަށުގައި ތްރީޖީ ހުރޭ. އެހެންވެ ފަސޭހަކަމާއެކު ޓެކްސްގެ ފައިސާ ދައްކާ ލެވޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާއިން އަލަށް ތައާރަފުކުރި މި ހިދުމަތްތަކުގެ ސަބަބުން މީރާ ކިޔޫ ކުޑަވެގެން ދާނެ އެވެ. ނަމަވެސް އެއީ މިފަދަ ފަސޭހަ ހިދުމަތްތަކުގެ ބޭނުން ހިފައިގެންނެވެ. މީރާއިން މިދިން އާ ހިދުމަތުގެ ސަބަބުން ޓެކުހުގެ ފައިސާ މޮބައިލް ފޯނު މެދުވެރިކޮށް ވެސް ދެއްކިދާނެ އެވެ.