އީރާން

އީރާނުގެ މަތިންދާބޯޓެއް ވެއްޓި 66 މީހުން މަރުވެއްޖެ

އީރާނުގެ ވެރިރަށް ތެހެރާނުން ފުރައިގެން އެގައުމުގެ ހުޅަނގުގައިވާ ޔަސޫޖް ނަމަކަށް ކިޔާ ރަށަށް 66 މީހުންނާއިގެން ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި އެ އެންމެން މަރުވެއްޖެ އެވެ.

އީިރާނު ސަރުކާރުގެ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) ބުނީ އައްސިމާން އެއާލައިންސްގެ އެބޯޓު ވެއްޓުނީ އިސްފަހާން ޕްރޮވިންސްގެ ސެމިރޮމް ނަމަކަށް ކިޔާ ރަށުގެ ކައިރީގައިވާ ފަރުބަދަމަތީ ސަރަހައްދަކަށް ކަމަށެވެ. ވެއްޓުނީ އައްސިމާން އެއާލައިންސްގެ މަތިންދާބޯޓު އީޕީ 3704 އެވެ. އެ ބޯޓް ތެހެރާނުން ފުރީ މިއަދު ހެނދުނު އީރާނު ގަޑިން 7.55 ގައި ކަމަށެވެ.

ވެއްޓުނު މަތިންދާ ބޯޓަކީ ފްރާންސްގައި އުފައްދާފައިވާ އޭޓީއާރް 72-500 މަރުކާގެ ޓްވިން އެންޖިން ޓާބޯޕްރޮޕްއެކެވެ.

ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ހަށިތައް ހޯދަން އީރާނުގެ ރެޑްކްރެސެންޓް ޖަމާއަތުން ވަނީ ބޯޓު ވެއްޓުނު ސަރަހައްދަށް ފޮނުވާފައެވެެ.

އީރާނުގައި މޫސުން ގޯސްވުމުގެ ސަބަބުން އެގައުމުގެ ވައިގެ ދަތުރުތަކަށް ވަަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އެގޮތުން ބައެއްް މަތިންދާބޯޓްތައް ކުއްލި ހާލަތުގައި ޖައްސަން ޖެހުން ފަދަ ކަންތައްތައް ވެސް ދަނީ ހިނގަމުންނެވެ.