ވިޔަފާރި

އެމްޓީސީސީ އާއި އަލްޝާލީ ވިޔަފާރީގެ އެއްބަސްވުމަކަށް

Feb 19, 2018
1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އިން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޓީސީސީ ޓަވަރުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ޒިއަތު އެވެ. އަދި އޭސްމެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އަލްޝާލީގެ މެނޭޖަރު ޝަރީފު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށެވެ.

"އަލްޝާލީއަކީ ޓޯޓަލް ސޮލިއުޝަން ދޭ ކުންފުންޏެއް. އެމްޓީސީސީއަކީ ބޯޓު ބިލްޑިންގެ ސާމާނު ރާއްޖެ ގެނެސް ވިއްކާ ކުންފުންޏެއް. އަދި އެ ކުންފުނިން އެކި ބާވަތްތަކުގެ އިންޖީނު ވެސް ގެނެސް ވިއްކާ. އެހެންވެ މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ފައިދާ ބޮޑުވާނެ،" ޝަރީފު ވިދާޅުވި އެވެ.

އަލްޝާލީއަކީ ޓޯޓަލް ސޮލިއުޝަން ދޭ ކުންފުންޏެއް. އެމްޓީސީސީއަކީ ބޯޓު ބިލްޑިންގެ ސާމާނު ރާއްޖެ ގެނެސް ވިއްކާ ކުންފުންޏެއް. އެހެންވެ މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ފައިދާ ބޮޑުވާނެ
އަލްޝާލީ މެނޭޖަރު ޝަރީފު

ތިލަފުށީގައި ބޯޓު އުޅަނދު ފަހަރު ބަންނަމުން ގެންދާ އަލްޝާލީއާއި އެމްޓީސީސީއިން މިއަދު ރަސްމީކޮށް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް ދެ ކުންފުނި މަސައްކަތް ކުރާތާ، ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޒިއަތު ވިދާޅުވީ އެމްޓީސީސީއަކީ އިން-ބޯޑާއި އައުޓްބޯޑު އިންޖީނުވެސް ވިއްކާ ކުންފުންޏެއް ކަމަށާއި، މި އެއްބަަސްވުމުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެ ކުންފުނިންޏާއި އަލްޝާލީ ގުޅިގެން މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށް ޒިއަތު ވިދާޅުވި އެވެ.

"އެމްޓީސީސީ އެންމެ ފަހުން ބަނދެގެން ބޭލި ދެ ލޯންޗުގެ ހަލްވެސް ބަނދެފައިވަނީ އަލްޝާލީ،" ޒިއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިްން އާއި ޔޫއޭއީގެ އަލްޝާލީ މެރިން ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސް އަކީ މެރިން އިންޑަސްޓްރީގެ "ޓޯޓަލް ސޮލިއުޝަން" ދޭ ހަމައެކަނި ކުންފުންޏެކެވެ. އަދި އެމްޓީސީސީއަކީ މަޝްހޫރު "ޔަމަހާ އިންޖީނާއި" ސުޒުކީ އައުޓް ބޯޑު އިންޖީނު ވިއްކާ ކުންފުންޏެވެ. މި އިންޖީނުތަކަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ އެއްޗިއްސެވެ.