ހަބަރު

އިންޑިއާ-ޗައިނާގެ އަރާރުމާއެކު އިންޑިއާ ކަނޑަށް ޗައިނާގެ މަނަވަރުތަކެއް

ރާއްޖޭގައި އުފެދުނު ސިޔާސީ ގަޑުބަޑާ ހެދި އިންޑިއާ އާއި ޗައިނާއާ ދެމެދު އަރައިރުމެއް ހިނގުމަށް ފަހު ޗައިނާގެ ކަނޑިގެ ސިފައިންގެ މަަނަވަރުތަކެއް އިންޑިއާ ކަނޑަށް ޑެޕްލޯއި ކޮށްފި އެވެ.

ޗައިނާގެ ސީނާ ޑޮޓް ކޮން ޑޮޓް ސީއެންއާ ހަވާލާދީ ރޮއިޓާސް ބުނީ އިންޑިއާ ކަނޑުގެ އިރު މަައްޗަށް ޗައިނާއިން ފޮނުވި ފްލީޓުގައި ހިމެނެނީ ޑެސްޓްރޯޔާ ތަކެއް ކަމަށާއި އޭގެ ތެރޭގައި 30000 ޓަނުގެ ފްރިގޭޓެއް ވެސް ހިމެނޭ ކަމަށެވެ. އެ މަނަވަރުތަކަށް ތެޔޮ އަޅައިދޭނެ ޓޭންކަރުތައް ވެސް ފްލީޓްގައި ހިމެނެ އެވެެ.

ނަަމަވެސް އެއީ ރާއްޖެއާ ނުވަތަ އިންޑިއާ ގުޅުން ހުރިކަމެއްް ކަމަކަށް ސީނާ ޑޮޓްކޮމް އަކުން ނުބުނެ އެވެ. އަދި އެ ފްލީޓް ފުރުވައިލީ ކޮން އިރަކު ކަމެއް އަދި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ވެސް ނުބުނެ އެވެ.

ޗައިނާގެ ކަނޑުގެ ސިފައިންގެ އެހަރަކާތާ ބެހޭ ގޮތުން އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ބަހެއް ރޮއިޓާސްއަށް އަދި ނުލިބޭ ކަަމަށް އެ އެޖެންސީން ބުންޏެވެ.

ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ސުޕްރީމްކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެކަމުގައި އިންޑިއާގެ އަސްކަރީ އެހީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި އެވެ. އެއާ އެކު އިންޑިއާގެ ސިޔާސީ ބައެއް އިސް ބޭފުޅުން ގޮވައިލެއްވީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވުމަށެވެ. ނަމަވެސް އިިންޑިއާ ސަރުކާުރުން އެކަމުގައި ބަހެެއް ނުކިޔަ އެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވަންް ގޮވައިލުމުން ޗައިނާއިން އޭރު ބުނީ އިންޑިއާއިން އެފިޔަވަޅު އަޅަން އުޅެނިފި ނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުގައި އޭރު ލިއުނު އެޑިޓޯރިއަލްއެއްގައި ބުނެފައި އަމިއްލަ އަމިއްލައަށް ފިޔަވަޅު އަޅާ ހާލަތެއްގައި އެކަމާ ޗައިނާއިން ދެކޮޅު ހަދާނެ ގޮތް އިންޑިއާއިން މާކުޑަކޮށް އަންދާޒާކޮށްގެން ނުވާނެ ކަމަށެވެ.

ގްލޯބަލް ޓައިމްސްގައި ލިޔާ އެޑިޓޯރިއަލް ތަކަކީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގައި ބައިނަލް އަގުވާމީ މީޑިއާތަކުން އަބަދުވެސް ނަގައެވެ. ޗައިނާއިން އެކަމަކާ ދެކޮޅެއް ވެސް ނުހަދައެވެ.

"ޔޫއެން އިން ހުއްދަ ދީގެން ނޫންް ގޮތަކަށް ހަތިޔާރު އެޅި ބާރުތަކުން (ރާއްޖޭގެ ކަންތަކުގެ ތެރެއަށް) ވަންނާނެ ރަނގަޅު އެއްވެސް ސަބަބެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަކަށް ޗައިނާއަކުން ނުވަންނާނެއެވެ. އެކަމަކު އޭގެ މާނައަކީ ނިއުދިއްލީ އިން އުސޫލުތައް މުގުރާލާއިރު ޗައިނާއިން އަތް އުރާލައިގެން ތިބުމެއް ނޫނެވެ. އިންޑިއާއިންް އެކަނިން ދިވެހިރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ ނިއުދިއްލީ ހުއްޓުވަން ޗައިނާއިން ފިޔަވަޅު އަޅާނެއެވެ،" ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލް ވެއެވެ.