މީހުން

އަޅުގަނޑު އަޅުގަނޑަށް ވީ ގޮތް: އެލިއާގެ ޖެނެރަލް މެނޭޖަރު ސައީދު

އޭނާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެލިއާ އިންވެސްޓްމެންޓްގެ ހީވާގި ޖެނެރަލް މެނޭޖަރެވެ. ކުންފުނީގެ 10 ވަރަކަށް މެނޭޖަރުންނާއި 150 އަށް ވުރެ ގިނަ މުވައްޒިފުންގެ ވެސް އިސް މީހާ އެވެ. ކުންފުނީގެ ހުރިހާ ކަމެއް ބަލަހައްޓައި، ހުރިހާ އެންމެންގެ ދުވަސް ފަސޭހަ ދުވަހަކަށް ހައްދަވައި ދެއްވުމަށް ހުންނެވި ލީޑަރެވެ.

"އަޅުގަނޑުގެ މަސައްކަތުގެ ހަޔާތް ފެށުނީ 1994ގައި އޭރުގެ އެންއެސްއެސް (ސިފައިންގެ) އިން. އޭރު ވާނީ 21 އަހަރު،" އެލިއާގެ ފުރާޅުގެ ދަށަށް ދިއުމުގެ މާ ކުރީގެ ހަނދާންތަކަކުން އޭނާގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

ސައީދަކީ "ހަތަރު ހަށިމަތި އައްޑޫ" މީހެކެވެ. އޭނާގެ ރަށަކީ ފޭދޫ އެވެ. ބައްޕަ އަކީ 72 އަހަރުގެ ގަދަފަދަ އިންޖިއަރެކެވެ. މަންމަ އަކީ އޭނާ އަށް ފެނުނު އެންމެ ކެތްތެރި އަދި އެންމެ ތަރުތީބު އަންހެނާ އެވެ.

އެންމެ މުހިންމު މީހުންގެ ލިސްޓުން ފެށުމަށް އެދުމުން އޭނާ ފެށީ ބައްޕަ އާއި މަންމަގެ ވާހަކައިންނެވެ.

"ބައްޕަ އަކީ ވަރަށް އިންސްޕަޔަރިން ބައްޕައެއް. މަންމަ އަކީ ވަރަށް ޑެޑިކޭޓެޑް މަންމައެއް. ޕްރެޝާ ހެންޑްލްކުރުމަށް އަޅުގަނޑުގެ މަންމަ ވަރެއް އަޅުގަނޑު ނުދެކެން"

"އެންމެ ކުޑައިރުން ފެށިގެން ވެސް ބައްޕަ އަޅުގަނޑަށް ދެމުން އައި ނަސޭހަތަކީ ހަލާލު ނޫން އެއްޗެއްގައި ނޫނީ ނުޖެހެން. ހައްގު އެއްޗެއް ނޫން އެއްޗެއްގައި އަތްނުލަން. ނު ހައްގުން އެއްވެސް އެއްޗެއް ނުހޯދަން. އެއީ ބައްޕަގެ ވަރަށް ބޮޑު ނަސޭހަތެއް"

ސައީދު ވިދާޅުވީ އޭނާގެ ކާމިޔާބީގެ އެންމެ މުހިންމު ބިންގަލަކީ ދީނީ ކަންކަމަށް އޭނާގެ ހިތުގައި އޭނާގެ މައިންބަފައިން އުފައްދައި ދިން ލޯބި ކަމަށެވެ.

"ދީނީ ކަންތައްތަކަށް ވަރަށް އަހަމިއްޔަތުކަން ދިން މީހެއް ބައްޕަ އަކީ. މަންމަ އަކީ ވެސް ހަމައެކަލަ މީހެއް. މަންމައާ އެކު މިސްކިތެއް ކައިރިން ހިނގާލާފައި ދަނިކޮށް ބަންގިގޮވަން ފަށައިފި ނަމަ ބަންގި ގޮވާ ނުނިމެނީސް އެ ހިސާބުން މަންމަ ގުޑާ ވެސް ނުލާނެ. ބަންގި ގޮވާ ނިމުނީމަ ދެން ހިނގައިގަންނާނީ"

"ބައްޕަވެސް ހަމަ އެހެން. މިސާލަކަށް އެއްފަހަރަކު ވީ ގޮތަކީ، ބޭބެ އާއި އަޅުގަނޑު މި ދިޔައީ ބައްޕަ އޭރު މަސައްކަތްކުރާ ރިސޯޓަށް. އެ ދަތުރުގައި ކަނޑުގަދަވެ މޫސުމް ގޯސްވެގެން ވަރަށް ދިގު ދަތުރަކަށް ފަހު ރިސޯޓަށް ދެވުނީ. އޭރު ރޭގަނޑު 11 ޖަހައިފި. ރިސޯޓަށް ފޭބުމާ އެކު އެތަނުގެ މީހުންތައް އެދުނީ އަވަހަށް ރެސްޓޯރެންޓަށް ދިއުމަށް"

"އެކަމަކު ބައްޕަ އެންގެވީ ފެންވަރާލައިގެން ނަމާދުކޮށްގެން އައުމަށް ކެއުމުގެ ކުރިން."

އެހެން ބުނެފައި ސައީދު ދޫކޮށްލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

"އެހެންވީމަ ދީނީ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިން ބައެއް އަޅުގަނޑުމެ މައިންބަފައިންނަކީ. އެހެންވީމަ ކޮންމެ ކަމެއް ކުރުމުގެ ކުރިން އަޅުގަނޑުމެން ބަލަން ރަނގަށް ތޯ ގޯސްކޮށް ތޯ މި ކަމެއް މި ކުރެވެނީ. އަޅުގަނޑު ބުނާނީ ދީނީ ގޮތުން އަޅައި ދިން ބިންގަލަކީ މައިންބަފައިން ކޮށް ދެއްވި ވަރަށް މުހިންމު ކަމެކޭ."

"މިހާރު ބައްޕައާ ދިމާވިޔަސް ހަމަ އަހާލެވޭނެ ނަމާދުކޮށްފިންތޯ؟"

ސައީދަކީ ހަތް ބެއިންގެ މި އާއިލާގެ ތިން ވަނަ މެމްބަރެވެ. ސައީދަށް ވެސް ވަނީ މިހާރު ފަސް ކުދިން ލިބިވަޑައިގެންފަ އެވެ.

އޭނާގެ އަމިއްލަ އާއިލާގެ ކަންތައް ބަލަހައްޓާ ގޮތުގެ ވާހަކަ ކިޔައިދިނުމުގެ ކުރިން ދެން މި އަންނަނީ އޭނާ އަށް އެންމެ ނަމޫނާ ބޮޑު ދެ މީހުންގެ ވާހަކަ އެވެ.

އަނެއްކާވެސް އޭނާގެ ބައްޕަ އަކީ އެއް ވަނަ އެވެ. ދެން ފާހަގަކުރެއްވީ އެލިއާގެ މެނޭޖިން ޑައިރެކްޓަރު އަލާއުގެ ނަމެވެ.

އެލިއާއާ ގުޅިވަޑައިގަތުމުގެ ކުރީގެ ދުވަސްތަކަށް ޖެހިލާ ނަމަ ސައީދަކީ އަނެއްކާވެސް އާދަޔާހިލާފު މީހެކެވެ. ސިފައިންގޭގައި ހޭދަކުރެއްވި ހަތަރު އަހަރު ވެސް އޭނާ އުޅުއްވީ ސިފައިންގެ ޔުނީފޯމެއްގައެއް ނޫނެވެ. އޭނާ އުޅުއްވީ ތަފާތު އެކި ކޯސްތަކުގައި ބައިވެރިވެ ވަޑައިގެން އުނގެނުމުގެ މަސައްކަތުގަ އެވެ.

ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގަތީ އިންޑިއާގައި ކިޔަވަން އުޅުއްވަމުން ދިމާވި މާލީ ނުތަނަވަސްކަމެއްގެ ތެރެއިން މާލެ އެނބުރި އައި ފަހަރެއްގަ އެވެ. މާސްޓާސް އޮފް ފިލޯސަފީ ފުރިހަމަކޮށް އަލުން ރާއްޖެ ވަޑައިގަތީ 2003 ވަނަ އަހަރު އެވެ.

ސައީދު މިހާރު ހުންނެވި ދާއިރާ އަކީ އޭނާ ކިޔެވި ދާއިރާއެއް ނޫނެވެ. އެހެންވީމަ ދެން މި އޮތީ ކިޔެވުމާ ގުޅޭ ސުވާލެކެވެ.

ކިޔެވުން މާނަ ކުރައްވަނީ ކިހިނެތްތޯ އެވެ. ކާމިޔާބީ އަށް ވާސިލުވާން ކިޔަވައި ބަލައި ހޯދަން ޖެހޭ ހެއްޔެވެ؟

"ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ދެކޮޅު ހެދެން ނެތް ހަގީގަތެއް. އެކަމަކު މީހާގެ ކިބައިގައި އެއްވެސް ކަހަލަ އެތިކްސް އެއް ނެތިއްޔާ ކިޔެވުމުގެ ބޭނުމެއް ނުފެންނާނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ ޕައިލެޓުންގެ ގޮތުގައި ތިބެފައި މަސްތުވާތަކެތީގެ ތެރެއަށް ވަދެފައި ތިބި މީހުން. ޑޮކްޓަރުންގެ ގޮތުގައި ތިބެ މަސްތުވާތަކެތީގެ އެޑިކްޓުންނަށް އެހީވާ މީހުން ވެސް"

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ ފުރަތަމަ އަޅަން ޖެހޭ ބިންގާ ރަނގަޅަށް ނޭޅި ހުރެގެންނޭ މިހެން ވަނީ. އެކަމަކު ބައެއް މީހުން ގަބޫލުކުރާ ގޮތެއް ސެޓްފިކެޓް ބޮނޑިއެއް އޮތީމަ އެ ނިމުނީއޭ. އެކަމަކު އެހެންނެއް ނޫން ވަނީކީ އަސްލު. ކުރުކޮށް ބުނާކަމުގައި ވަނީ ނަމަ ކިތަންމެ މޮޅަށް ކިޔަވާފައި ހުންނަ މީހާ ވެސް އައުޓް ޑޭޓް ވާނެ ވަރަށް އަވަހަށް."

ޒަމާނާއި ވަސީލަތްތަކަށް އައުޓްޑޭޓްނުވެ ދެމި ހުންނެވުމަށް ސައީދަކީ ގަވާއިދުން ތަފާތު އެކި ވޯކްޝޮޕްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ސައީދު ވިދާޅުވީ ކުންފުންޏެއްގެ ވެރިޔަކަށް ވުމަކީ އޭނާ ދެކުނު ހުވަފެނެއް ނޫން ކަމަށެވެ. އެހެންވީމަ ކިޔަވަން އުޅުނުއިރު އޭނާ ވާން ބޭނުންވީ ކާކަށް ހެއްޔެވެ؟

"ޕައިލެޓަކަށް ވާން ބޭނުންވީ އެންމެ ފުރަތަމަ. ވީ ގޮތަކީ، ރަށުގައި އެއް ދުވަހަކު ކުޑައިރު ހުކުރު ނަމާދަށް ދިޔައިރު ދެ ޕައިލެޓަކު މި ފެންނަނީ. އަޅުގަނޑާ ޖެހިގެން ތިބީ އެ ދެ ޕައިލެޓުން. އޭރު ވާނީ ގާތްގަނޑަށް 10 އަހަރު."

"އެމީހުންގެ ޔުނީފޯމްވީ ވަރަށް އިންސްޕަޔަރިން އެއްޗަކަށް. އެ ޝައުގުވެރިކަމާ އެކު ޕައިލެޓަކަށް ވާން މަސައްކަތް ވެސް ކުރިން. ނަމަވެސް ލޮލުގެ ފެނުމުގައި ޖެހުނު މައްސަލައަކާ ގުޅިގެން އަޅުގަނޑު ޑިސްކޮލިފައިވީ އެންމެފަހުން."

"ޕައިލެޓަކަށް ވުމަކީ ވަރަށް ވަރަށް ވާން ބޭނުންވި ކަމެއް. އެކަމަކު އަޅުގަނޑަކަށް ހީއެއް ނުވޭ އެ ދުވަހު އަޅުގަނޑު ޕައިލެޓަކަށްވި ނަމަ މިއަދު މިހާ ހިސާބަށް އާދެވިދާނެ ކަމަކަށް."

"އަޅުގަނޑު އެއްވެސް އިރެއްގައި ނިންމައިގެން ނެތިން މި ދާއިރާ އިން މިގޮތަށް ކުރިއަށް ދާކަށް. އެކަމަކު އަޅުގަނޑުގެ މި ވާޒީފާ ވާން ޖެހޭނީ ކުރިއަރައިގެން އަންނަ ކޮންމެ ޒުވާނެއްގެ ވެސް ޑްރީމް ޖޮބަކަށް."

ޕައިލެޓަކަށް ވުމުގެ ނަސީބެއް ނެތްކަން އެނގުނު ހިސާބުން ސައީދު ބޭނުންވީ ސިވިލް ސާވިސްގެ ދާއިރާ އަށް ނުކުންނެވުމަށެވެ. މާސްޓާސް އިން ފިލޯސަފީގެ ބޭނުމަކީ ވެސް އެއީ އެވެ.

"ދެން އެ ދާއިރާ އިން ކުރިއަށް ދާން ނިންމައިގެން އެނބުރި ރާއްޖެ އައިސް ބެލިއިރު މުޅި ސިވިލް ސާވިސް އޮތީ އެއްކޮށް ކޮރަޕްޓްވެފައި،" ސައީދު ކިޔައިދިނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން އޮފީހުގައި ހުންނަ ފޮޓޯ ކޮޕީ މެޝިނަކުން އަމިއްލަ ބޭނުމަކަށް ކޮޕީއެއް ނަގާލުމަކީ ވެސް ކޮރަޕްޝަން."

"ސިވިލް ސާވިސް އޮތް ގޮތް ފެނިފައި ވަރަށް ބޮޑަށް މާޔޫސްވީ އެ ދާއިރާއާ މެދު. އެހިސާބުން ނިންމީ ލީޑަޝިޕް ދަސްކޮށްދިނުމުގެ ކްލާސްތަކެއް ނަގަން. އެހެން އުޅެނިކޮށް އެންމެފަހުން އެއިލާ އިން ފުރުސަތު ލިބުނީ. މުޅި ކެރިއަރު ބަދަލުކޮށްލަން ބޭނުންވެފައި ހުއްޓައި ލިބުނު ފުރުސަތެއް މިއީ."

ހަޔާތުގެ މި ދަތުރުގައި ސައީދު ބޭނުންކުރި ފޯމިއުލާ އަކީ ކޮބައިތޯ؟

"ބީން ވެރީ ޕްރެކްޓިކަލް އެންޑް ޕަންޗުއަލް. ބައެއް ފަހަރު ބިޒްނަސް ނިންމުންތައް ނިންމަން ޖެހޭނެ ހިތާ ނުލައި ސިކުނޑިން."

"އަޅުގަނޑަކީ ވަރަށް ސްޓްރެއިޓް ފޯވާޑް މީހެއް. އައި ޓެލް އިޓް އޮން ދަ ފޭސް. އޮފީހުގައި ގިނަ ދުވަސްވީ މީހާ ހިތުގައި ޖެހިދާނެތީ އަޅަން ޖެހޭ ފިޔަވަޅެއް ނާޅައި އަޅުގަނޑެއް ނުހުންނާނަން."

"ވަރަން ދަންވަންދެން ވެސް އަޅުގަނޑު މަސައްކަތްކޮށްފާނެ. އެކަމަކު އަޅުގަނޑަކީ ވޯކްހޯލިކެއް ނޫން. އެކަމަކު މަސައްކަތެއް އަތުގައި އޮވެއްޖެ ނަމަ އެ މަސައްކަތެއް ނިންމާލާފައި ނޫނީ ދާން ބޭނުންވާ މީހެއް ނޫން."

"އަޅުގަނޑު މި ބުނަނީ ގޮނޑި ހޫނުކުރުމެއް ނޫނޭ މުހިންމީ. މީހާ އޮފީހަށް އައިސް ކުރާ މަސައްކަތެއް ހުރިހާ ވެސް އެއްޗަކީ. ދެން އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އޮންނާނެ، އެއީ އޮފީސް ގަޑި އޮފީހަށް ދޭށޭ."

ދެން މި އޮތީ ސައީދު އާއި އޭނާގެ ފަސް ކުދިންގެ ވާހަކަ އެވެ. މިހާ ބިޒީކޮށް އުޅުއްވަމުން އާއިލާ އަށް ވަގުތު ހޯއްދަވަނީ ކިހިނެތްތޯ؟

"މިހާރު ވެސް ގެއިން ނުކުމެގެން އަންނަ ކަމުގައިވާ ނަމަ އަޅުގަނޑުގެ އަންހެނުންނަށް އެނގޭނެ އަޅުގަނޑު ކުރާ ހުރިހާ ކަމެއް ދާ ހުރިހާ ތަނެއް ވެސް. އަޅުގަނޑު އޮފީހުގައި ހުރެފައި ބޭރަށް ނުކުމެލިޔަސް އަންހެނުންނަށް އަންގަން. މިހާރު މިހުރީ އިންޓަވިއުއެއްގައިކަން ވެސް އެނގޭނެ."

ސައީދުގެ ދުވަސް ފެށޭނީ ފަތިހު 4:30ގަ އެވެ.

"ހޭލައިގެން ފިރިހެން ދަރިފުޅު ގޮވައިގެން އަޅުގަނޑު ދާނީ ފަތިސް ނަމާދަށް. އޭރު އަންހެނުންނާއި އެހެން ކުދިންތައް ވެސް އުޅޭނެ ހޭލާ. ދެން އޮފީހަށް އަންނަން ދެން އަޅުގަނޑު އުޅޭނީ ކުދިންނާ އެކު."

"ދެން އަންހެނުން ކުދިންތައް ސްކޫލަށް ގެންގޮސްފިއްޔާމު ކުދިން ބަލާ ދާނީ އަޅުގަނޑު. 12:15ގައި އެކަކު ބަލާ ދާން ޖެހޭނެ ޖަމާލުއްދީނަށް. 12:30ގައި އަނެކަކު. 12:45ގައި އަނެކަކު. 12:55ގައި އަނެކަކު."

"އޮފީސް ނިމިގެން އަނެއްކާވެސް އާއިލާއާ އެކު. އަޅުގަނޑަކީ ކޮފީތަކަށް ދިއުމާއި ބޭކާރު ގޮތުގައި އެއްވެސް ވަރަކަށް ވަގުތު ހޭދަކުރާ މީހެއް ނޫން."

ރޭގަނޑު 11 ޖަހާއިރު އޭނާ އާންމުކޮށް ނިދަ އެވެ. އެންމެ ގިނަ ވެގެން ވެސް ނިދަނީ ފަސް ގަޑިއިރަށެވެ. އެލިއާގައި އުޅޭތާ 8 އަހަރުވެފައިވާއިރު ދުވަހަކު ވެސް އޮފީހަކަށް ގަޑިއެއް ނުޖެހެ އެވެ. ދުވަހަކު ސަލާމެއް ވެސް ބުނެފައެއް ނެތެވެ.

ސައީދު ވަނީ އޭނާގެ މި ބިޒީ ދިރިއުޅުއްވުމުގެ ތެރެއިން ވަގުތު ހޯއްދަވައިގެން "ގުރުއާން ކިޔަވަން ދަސްކޮށްދޭ" ހާއްސަ ފޮތެއް ވެސް ވަރަށް ފަހުން ނެރުއްވައިފަ އެވެ.

"އަޅުގަނޑު ކުރި ދިރާސާ އަކުން އެނގުނީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގުރުއާން ކިޔަވަނީ ނުބައިކޮށްކަން. ވާނުވާ ބަލާލިއިރު ދިވެހިން މި ތިބީ ހަމަ ބިރުގަންނަން ޖެހޭ ފަދަ ހާލަތެއްގައި،" ސައީދު ވިދާޅުވި އެވެ.

"މި ފޮތަކީ ހަތަރު އަހަރުގެ ބޮޑު ދިރާސާއެއް. މި ފޮތުގެ ހުރިހާ ކަމެއް ކުރީ އަޅުގަނޑުގެ ގޭގައި. އަޅުގަނޑުގެ އަންހެނުންނަކީ ގުރުއާން ޓީޗަރެއް. މުޅި ފޮތް ޓައިޕްކުރީ އަޅުގަނޑުގެ ދަރިފުޅު. ގާތްގަނޑަކަށް 280އެއްހާ ސަފުހާ މިއީ."