ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓާމެދު ސުވާލު އުފައްދާތީ އޭގެ ސައްހަކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް ފޮނުވި މައްސަލާގައި ގަރާރުގެ މުއްދަތު ހަމަވިިއިރު ގޮތެއް ނުނިންމި އެވެ. ގަރާރުގެ މުއްދަތު މިރޭ ވަނީ ހަމަވެފަ އެވެ. އެހެންވެ، ސަރުކާރު ކޯލިޝަން މެންބަރުން ވޯޓު ސައްހަ ކަމަށް ވިދާޅުވާ ވިދާޅުވުމާމެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.
"ފާސް ކުރި ކަމަށް ބުނާ ގަރާރުގެ މުއްދަތު މިރޭ 8:05 އަކަށް އެ ވަނީ ހަމަވެފަ، އަދިވެސް ސުޕްރީމް ކޯޓުގެ ލަފާއެއް ނާދޭ، ކޯޓުގެ ލަފާ އައި ނަމަތާ އެހެން ގޮތަކަށް ވެސް ބެލޭނީ،" މަހުލޫފް މިރޭ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ލަފާއެއް ހޯދަން މަޖިލީހުގެ 38 މެންބަރުން ނިންމީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމާފައިވާއިރު އެކަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ގާނޫން އަސާސީގައި ބުނެފައިވާތީ އެވެ.
ނަމަވެސް އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މަގުބޫލު އެއްވެސް ސަބަބެއް ނެތި ބައެއް މެންބަރުން އަމަލުކޮށްފައިވާ ކަމަށާއި ގާނޫން އަސާސީގެ 87 ވަނަ މާއްދާ އޮއްވާ އެ ގަރާރު ފާސް ކުރެވޭނެ ކަމާމެދު އެ މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓްކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެންވެ މިއަދުގެ ވޯޓުގެ ސައްހަ ވާނެ ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާ
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮޮށްފައިވާ ހިނދު ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މި ގަވާއިދުގެ މަގުސަދަށްޓަކައި ބުނެފައި އެވަނީ އަންނަނިވި ކަންކަމެވެ.
- ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުން ވަކިގޮތަކަށް އަމަލު ކުރުން ނުވަތަ ނުކުރުން ލާޒިމު ކުރާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ފައިސާ ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް
- ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުން އުފުލަންޖެހޭ ޝަހުސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
އިދިކޮޅު މެންބަރުން ވިދާޅުވަނީ ކުއްލި ނުރައްކަލުގެ ހާލަތަކީ ވެސް ރައްޔިތުން އަމަލުކުރަން ޖެހޭ އެއްޗަކަށްވާއިރު ގާނޫނު އަސާސީގައި ސާފުކޮށް، "އެއްވެސް ކަމެއް" ފާސްކުރަންވާނީ އެ އަދަދަށް މެންބަރުން ތިއްބަވައިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އެއްވެސް ގަވައިދެއް ގާނޫނު އަސާސީއަށްވުރެ މަތިނުވާނެ ކަމަށެވެ.
އެހެންވެ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އުވިފައިވާ ކަމަށާއި އެއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި ކުއްލި ހާލަތާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށްފަހު ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ނުޖެހޭ ކަމަށެވެ. އެ ކުއްލި ހާލަތަކީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުން ނެރެފައިވާ އަމުރަކާ ގުޅިގެން އިއުލާންކޮށްފައިވާ ހާލަތަކަށްވާއިރު އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު މާރިޔާ ދީދީ ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުވެލެވިފައިނުވާ ހާލަތެއްގަ ސުޕްރީމް ކޯޓަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަސްޕެންޑްކޮށްފައި ތިބުމުން އެ ހާލަތު މިހާރު ސުޕްރީމް ކޯޓުގައި ނެތް ކަމަށެވެ.
އެގޮތުން މާރިޔާ ފާހަގަ ކުރެއްވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ.