ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ރާއްޖޭގެ ހާލަތު ބަލަން އިނގިރޭސިވިލާތުން ރާއްޖެއަށް ވަފުދެއް ފޮނުވަން ނުވަތަ އދ. އިން ވަފުދެއް ފޮނުވަން ބާރު އެޅުމާ ބެހޭ ގޮތުން އިނގިރޭސި ޕާލަމެންޓުގައި އިއްޔެ މަޝްވަރާކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓުގައި އިއްޔެ ބޭއްވި ޖަލްސާގައި ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެގައުމުގެ ސަރުކާރާ ސުވާލު ކުރެއްވީ ފޮރިން އޮފީހުގެ ކުރީގެ މިނިސްޓަރު ހޫގޯ ސުވަޔާއެވެ. ސަރުކާރާ އޭނާ ސުވާލު ކުރެއްވީ "ރާއްޖެއަށް ވަފުދެއް ފޮނުވަން ނުވަތަ ޔޫއެން އިން ވަފުދެއް ފޮނުވަން ބާރުއަޅަން ސެކްރެޓަރީ އޮފް ސްޓޭޓް[ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް] އެއްބަސްވެވަޑައިގަންނަވާނެތޯ؟" އެވެ.
އެސުވާލަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ޖަވާބު ދެއްވީ މިނިސްޓަރް އޮފް ފޮރިން އެފެއާޒް ފޯ އޭޝިއާ އެންޑް ޕެސިފިކް މާކް ފީލްޑެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްގުތައް ހިފަހައްޓާފައި ވާތީ އޭނާވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
" އަޅުގަނޑުމެން މި ދެ ހުށަހެޅުމަށް ވެސް ވަރަށް ބޮޑަށް ބަލާނަން،" ސްވަޔާގެ ސުވާލަށް ޖަވާބު ދެއްވަމުން މާކް ފީލްޑް ވިދާޅުވިއެވެ.
ސުވާލު ކުރައްވަން ދެއްކެވި ވާހަކަފުޅުގައި އެ ސުވާލު ކުރެއްވުމުގެ ސަބަބެއްގެ ގޮތުގައި ސްވަޔާ ވިދާޅުވީ އިނގިރޭސި ޓޫރިސްޓުންގެ ގިނަ ބަޔަކު އަބަދުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިއުމާއި، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން މިސަރަހައްދުގައި އިންޑިއާއާއި ޗައިނާއާ ދެމެދު ހަމަނުޖެހުމެއް ހިނގުމުގެ ބިރު އޮތުމެވެ.
ރާއްޖޭގެ ހާލަތާ މެދު ކަންބޮވުން ފާޅުކުރައްވައި އިނގިރޭސި ސަރުކާރަށް ސްވަޔާ ސުވާލުކުރެއްވީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަަށް ދިގުދައްމަން ސަރުކާރުން އިއްޔެ ހުށަހެޅުމުންނެވެ. ރައްްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި އެ މައްސަލަ މަޖިލީހުން ނިންމާފައި ވަނީ އޮޅުންބޮޅުން ބޮޑު ގޮތަކަށެވެ. އެގޮތުންް އެހާލަތު ދަންމައިލަން ފާސް ކުރި އިރު ބުނެފައި ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތިއްބެވި އަދަދަށް މެމްރުން ތިއްބަވައިގެން އެ ނިންމުން ނިންމޭނެކަން ނުވަތަ ނޫންކަން ސުޕްރީމްކޯޓުން ކަނޑައެޅުމަށެވެ. ނަަވެސް ސުޕްރީމްކޯޓުން އަދި އެކަމުގައި ގޮތެއް ނުނިންމައެވެ.