ކުޅިވަރު

އިންޑިއާގެ ކޯޗް އެއްބަސްވުން އާ ކުރަން ނިންމައިފި

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން އިންޑިއާގެ ގައުމީ ފެޑްރޭޝަން އާއެކު ކޮންޓްރެކްޓް އާ ކުރުމަށް ނިންމައިފި އެވެ.

ކޮންޓްރެކްޓް އާ ކުރުމާއެކު އޭނާ ވެގެންދާނީ އެންމެ ދިގު މުއްދަތަކަށް އިންޑިއާއަށް ކޯޗު ކޮށްދޭ ގައުމުން ބޭރުގެ ކޯޗަށެވެ. މެދުކެނޑުމަކަށް ފަހު އިންޑިއާގެ ކޯޗް ކަމާ ކޮންސްޓަންޓީން ހަވާލުވީ 2015 ވަނަ އަހަރު އެވެ. އިންޑިއާގެ ކޯޗް ކަމާ އޭނާ އެންމެ ފުރަތަމަ ހަވާލުވީ 2002 ވަނަ އަހަރު އެވެ. އެފަހަރު 2005 ވަނަ އަހަރާ ހަމަޔަށް އިންޑިއާގެ ކޯޗު ކަމުގައި އޭނާ ހުއްޓެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އިންޑިއާގެ ކޯޗުކަމަށް، ކޮންސްޓަންޓީން އައީ ކުރިން ރާއްޖެއަށް ކޯޗު ކޮށްދިން ނިއުޒިލެންޑްގެ ވޯލްޑްކަޕް ކޯޗް ރިކީ ހާބަޓްއާ ވާދަ ކޮށެވެ. އިންޑިއާގެ ކޯޗް ކަން ހަވާލު ކުރުމަށް އިންޑިއާއިން ޝޯޓް ލިސްޓް ކުރި އެންމެ ޓޮޕް ދެ ނަމަކަށް އޮތީ ހާބަޓް އާއި ކޮންސްޓަންޓީން އެވެ. އޭގެ ފަހުން ހާބަޓް ހަވާލުވީ ރާއްޖޭގެ ކޯޗު ކަމާއެވެ.

ކޮންސްޓަންޓީން ދެ ވަނަ ދައުރު އިންޑިއާއެކު ދިޔައީ ވަރަށް ކާމިޔާބު ކޮށެވެ. އޭނާ އަށް ކާމިޔާބު ނުލިބުނީ ވޯލްޑްކަޕް ކޮލިފައިންގަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގުރުޕް އެއް ވަނައިގައި އަންނަ އަހަރު ބާއްވާ އެޝިއަން ކަޕަށް އިންޑިއާ ކޮލިފައި ކޮށްދިނެވެ. ނޮވެމްބަރު 2016 އިގެ ފަހުން އެންމެ ފަހުން ކުޅުނު 13 މެޗުގައިވެސް އިންޑިއާ ބަލިވެފައެއް ނުވެ އެވެ. މިދިޔަ އަހަރު ދުނިޔޭގެ ރޭންކިންގެ ގަދަ 100ގެ ތެރޭގައި އިންޑިއާ ހިމެނިގެން ދިޔަ އެވެ.

އިންގްލެންޑަށް ނިސްބަތްވާ ކޮންސްޓަންޓީން ވަނީ، ކުރިން ނޭޕާލަށްވެސް ކޯޗު ކޮށްދީފަ އެވެ. އަދި މަލަވީ އާއި ރުވަންޑާއަށްވެސް އޭނާ ކޯޗް ކޮށްދިނެވެ.