ހަބަރު

އެސްއޯއީ ނިމިފައިވާ ކަން ޕީޖީ ރޭ އެންގެވި

މަޖިލީހުގައި އިއްޔެ ނެގި ވޯޓާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ ސްޓޭޓް އޮފް އެމެޖެންސީ ނިމިފައިވާކަމަށް ގަބޫލު ކުރައްވާތީ އެސްއޯއީގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކޮށް ދިނުމަށް ޕީޖީ ފުލުހުންނަށް ލަފާދިންކަން ކަށަވަރު ވެއްޖެ އެވެ.

އިތުބާރު ހުރި އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ރޭގެ ދަންވަރުގެ ވަގުތެއްގައި ޕީޖީ ފުލުހުންނަށް ސިޓީ ފުޅެއް ފޮނުއްވީ، ސްޓޭޓް އޮފް އެމެޖެންސީގެ ހާލަތު ނިމިފައި ވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެވެ. އަދި އެސްއޯއީގެ ދަށުން ބަންދުކޮށްފައިވާ އެންމެން މުއްދަތު ޖެހުމަށް ޓަކައި ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ޕީޖީގެ ސިޓީގައި ފުލުހުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް، އޭޖީގެ ލަފައެއް ހޯއްދެވި ކަމަށް ވިދާޅުވެ ޕީޖީގެ ނިންމުމަށް އަމަލު ކުރަން ފުލުހުންގެ އިސްވެރިން ދެކޮޅު ހެއްދެވިކަން މަސްދަރުތަކުން އަވަސްއަށް ކަށަވަރުކޮށްދެއްވި އެވެ. އަދި އެ ލަފަޔަށް އަމަލު ނުކުރުމުން ޕީޖީ އިސްތިއުފާ ދެއްވަން މިއަދު އުޅުއްވިކަން ވެސް ސަރުކާރުގެ އިސް އޮފިޝަަލަކު ޔަގީން ކޮށްދެއްވި އެވެ. އެހެން ނަމަވެސް، ރައީސްގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އެ އޮފީހަށް ވަޑައިގެން ޕީޖީގެ ނިންމުން ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ސަރުކާރުގެ އޮފިޝަަލުންތަކެއް ކަށަވަރުކޮށްދެއްވި އެވެ.

އެ އޮފީހަށް އާޒިމާ ވަދެ ވަޑައިގަތް މަންޒަރު ފެނުނު އިތުބާރު ހުރި ފަރާތްތަކުން ވެސް އެކަން ވަނީ ޔަގީންކޮށްދީފަ އެވެ. ޕީޖީގެ މި ލަފަޔާ ގުޅޭ ގޮތުން އެ އޮފީހުގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.