އިންޑިއާ

"ބަންގްލަދޭޝް މީހުން ފޮނުވަނީ ޕާކިސްތާނާއި ޗައިނާ ރާވައިގެން"

އިންޑިއާގެ އިރުމަތީ ބިތުގައި ބަންގްލަދޭޝްއާ އިންވެގެން އޮންނަ އާސާމް ސްޓޭޓަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ހިޖުރަ ކުރަމުންދާ ކަމަށާއި އެއީ އެ ސަރަހައްދުގައި މުސްލިމުންގެ އާބާދީ ބޮޑު ކުރަން ޕާކިސްތާނާއި ޗައިނާއިން ރާވައިގެން ކުރާ ކަމެއް ކަމަށް އިންޑިއާ ސިފައިންގެ ވެރިޔާ ޖެނެރަލް ބިޕިން ރަވާތު ވިދާޅުވެއްޖެ އެވެ.

ސަރަހައްދީ ރޮނގުތައް ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ކޮންްފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ރަވާތު ވިދާޅުވީ "ރާވައިގެން ހިންގާ ހިޖުރަކުރުމުގެ ހަރަކާތެއް" ކުރިއަށް އެބަދާ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެމެންގެ ހުޅަނގުގައިވާ އަވަށްޓެރިން ދަނީ ޕްރޮކްސީ ގޭމް ވަރަށް ރަނގަޅަށް ކުޅެމުން، އަހަރެމެންގެ އުތުރުގެ ސަރަހައްދީ ރޮނގު [ޗައިނާ] ގެ ތާއީދާ އެކު،" ރަވާތު ވިދާޅުވި ކަމަށް އެންޑީޓީވީގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވީ ރާވައިގެން ބަންގްލަދޭޝް މީހުން ގިނަ ކުރަނީ ސަރަހައްދު ނުތަނަވަސް ކުރަން ކަމަށެވެ. އަދި ވިދާޅުވީ ހައްލެއް ހޯދޭނީ މައްސަލަ ދެނެގަނެ، މުޅި މައްސަލައަށް އިޖުމާލީ ގޮތެއްގައި ބަލައިގެން ކަމަށެވެ.

އައްސާމް ސްޓޭޓުގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށްވާ އޯލް އިންޑިއާ ޑިމޮކްރެޓިކް ފްރޮންޓަށް އެހާ ބޮޑު ކުރިއެރުން ލިބެނީ ވެސް މީހުން ހިޖުރަކުރާތީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޯލް އިންޑިއާ ޑިމޮކްރެޓިކް ފްރޮންޓަކީ މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ ކަމަށް ދައުވާ ކުރާ ބަދުރުއްދީން އަޖުމަލް ނަމަކަށް ކިޔާ ލީޑަރަކު ހިންގާ ޕާޓީއެކެވެ. ދެހާސް ފަސް ވަނަ އަހަރު އުފެއްފި އެޕާޓީން އިންޑިއާ ޕާލަމެންޓުގެ ތިރިގެ، ލޮކްޝަބާގެ ތިން ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެެވެ. އަދި ސަރަހައްދީ ޕާލަމެންޓުގެ 13 ގޮނޑިއެއް ވެސް އެޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.

" އޭއައިޔޫޑީއެފް ނަމަކަށް ކިޔާ ޕާޓީއެއް އެބަ އޮތް. އެޕާޓީއަށް ކަލޭމެން ބަލައިފި ނަމަ ފެންނާނީ ބީޖޭޕީ އަހަރުތަކުން ކުރިއެރި ވަރަށް ވުރެ ބާރަށް އެޕާޓީ ކުރިއަރަމުން އަންނަތަން،' ރަވާތު ވިދާޅުވި ކަމަށް ހަބަރުގައި ވެއެވެ.