ކުޅިވަރު

ދުވަސްތަކަކަށް ފަހު ރެއާލް ފިޔަވަޅެއް ކުރިއަށް

ލެގަނޭޒްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ރެއާލް މެޑްރިޑުން ތާވަލުގެ ކުރިއަށް ފިޔަވަޅެއް އަޅައިފި އެވެ.

މެޗުގެ ކުރިން ހަތަރު ވަނައިގައި އޮތް ޓީމު ވަނީ، މެޗުން މޮޅުވުމުން ތިން ވަނަ އަށް ޖެހިލާފަ އެވެ. މިހާރު ހަތަރު ވަަނއިގައި އޮތީ ކުރިން ތިން ވަނައިގައި އޮތް ވެލެންސިއާ އެވެ. ސެޕްޓެމްބަރު މަސްތެރޭ ވެސް ރެއާލް އޮތީ ހަތަރު ވަނައިގަ އެވެ.

ކޮންމެ ޓީމެއްވެސް 24 މެޗު މިހާރު ކުޅެފައިވާއިރު ރެއާލް އަށް ލިބިފައި ވަނީ 48 ޕޮއިންޓެވެ. ވެލެންސިއާ 46 ޕޮއިންޓެވެ. އަދިވެސް ރެއާލް އޮތީ އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ.

މި ސީޒަންގެ ކުރީ ކޮޅު އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް އެ ޓީމުން މިހާރު އޮތީ ފޯމަކަށް އެޅިފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމު މޮޅުވީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ.

ރޭގެ މެޗަށް، އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ މުހިންމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފަ އެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަނިޔާގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ ލުކާ މޮޑްރިޗާއި މާސެލޯގެ އިތުރުން ކީޕަރު ކޭލޯ ނާވަސް އާއި އަނިޔާގައި ހުރި ޓޯނީ ކްރޫޒްވެސް ހިމަނާފައި ނުވެއެވެ. ގެރެތު ބޭލްއަށް ވެސް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އަދި ޒިދާން ވަނީ ސްޕެނިޝް ލީގްގައި ފުރަތަމަ ފަހަރަށް އޭނާގެ ދެ ވަނަ ދަރިފުޅު ލޫކަ ޒިދާންއަށް ބަދަލު ކީޕަރެއްގެ ގޮތުގައި ބެންޗުން ފުރުސަތު ދީފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ލެގަނޭޒްއިންނެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އަނައި ބަސްޓުންޒާ އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އެވެ. އެ ޓީމުން ނެގި ކޯނަރުގައި ތަނަވަސްވި ބޯޅައިން އޭނާ ލަނޑު ޖެހީ ރެއާލްގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.

އޭގެ ފަސް މިނެޓް ފަހުން ލޫކަސް ވަޒްކްއޭޒް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ލަނޑު އޭނާ ޖެހީ ކެސެމީރޯ ތަނަވަސް ކޮށްދިން ބޯޅައެއްގަ އެވެ. ރެއާލްއަށް ލީޑް ނަގައިދިނީ ވަޒްކްއޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ކެސެމީރޯ އެވެ. ތިން ވަނަ ލަނޑަކީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި މަޓޯއޯ ކަވަސިޗަށް ލެގަނޭޒްގެ ކުޅުންތެރިން ފައުލު ކުރުމުން ދިން ޕެނަލްޓީއެއްގައި ކެޕްޓަން ސާޖިއޯ ރާމޮސް ކާމިޔާބު ކުރި ލަނޑެކެވެ.