އައިޝަތު ބިޝާމް

ޕީޖީ ބިޝާމް އިސްތިއުފާ ދޭން އުޅުއްވި!

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފުލުހުންނަށް ދެއްވި ލަފާއަށް އަމަލުކުރަން ފުލުހުންގެ އިސްވެރިން ދެކޮޅު ހެއްދެވުމުން އިއްޔެގެ ވަގުތެއްގައި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އިސްތިއުފާ ދެއްވަން އުޅުއްވެވި ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ޔަގީންކޮށްދީފި އެވެ.

ބިޝާމް އިސްތިއުފާ ދެއްވަން ބޭނުންފުޅުވެ، އެކަމާ ގުޅޭ ގޮތުން މުވައްޒަފުންނާއެކު އެކަމަނާ ބާއްވަވާ ބައްދަލުވުމެއް ވެސް އިއްޔެ މެންދުރުފަހު 1:30 އަށް ތާވަލު ކުރިކަން ވަނީ އެނގިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް އެ ރޭ ފޮނުއްވި އެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. -- އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ. އަދި 1 ފެބުރުއަރީގެ އަމުރަށް ފަހު ހިނގަމުން އައިސްފައިވާ ކަންކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތުން އެންމެ ގިނައިން ވާހަކަފުޅު ދައްކަވަމުން އަންނަ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ. މި ވާހަކަތައް މިހެން އޮތް އިރު ޕީޖީ އޮފީހުގެ ދެ މުވައްޒަފަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ވެސް އެވާހަކަ ރިޕޯޓް ކުރި އެވެ.

އެ ސިޓީގައި ލަފާ އަރުވާފައިވަނީ، މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ޔަގީން ކޮށްދޭ މަސްދަރުތަކުން ބުނަނީ އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށެވެ.

ޕީޖީއާ ގުޅުން ހުރި އެ ވާހަކަތައް ފެތުރިފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރުމަށް ވަގުތީ އަމުރެއް އިއްޔެ ނެރެފަ އެވެ.

އިއްޔެ ޕީޖީ އޮފީހުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން ބިޝާމްގެ ބަހެއް ހޯދަން ކުރި މަސައްކަތް އެކަމަނާ ފޯނު ނުނަންގަވާތީ ކާމިޔާބެއް ނުވެ އެވެ. މިނިސްޓަރު އާޒިމާ ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.