ހަބަރު

ޕީޖީގެ 32 ވަކީލުން ބިޝާމަށް ތާއީދުކޮށް ޕެޓިޝަން ހަދައިފި

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ފުލުހުންނަށް ދެއްވި ލަފާއަށް ތާއިދުކޮށް ޕީޖީ އޮފީހުގެ ވަކީލުންތަކެއް ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

ޕީޖީގެ ލަފާއަށް ތާއީދުކުރާ ކަމަށާއި އެ ނިންމުން ބަދަލުނުކުރުމަށް އެދި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ މައުލޫމާތު ލިބޭ ގޮތުގައި 32 ވަކީލުންނެވެ.

ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް އެ ފޮނުއްވި އެވެ.

އެ ސިޓީގައި ލަފާ އަރުވާފައިވަނީ، މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ޔަގީން ކޮށްދޭ މަސްދަރުތަކުން ބުނަނީ އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށެވެ.

ޕީޖީއާ ގުޅުން ހުރި އެ ވާހަކަތައް ފެތުރިފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރުމަށް ވަގުތީ އަމުރެއް އިއްޔެ ނެރެފަ އެވެ.

މިއަދު ސަރުކާރު ހިންގާ ޕީޕީއެމްއިން ބުނީ، މަޖިލީހުގެ ނިންމުމެއް ސައްހަ ނޫން ކަމަށް ޕީޖީއަށް ނޭންގޭނެ ކަމަށެވެ. ޕީޖީގެ އެ އެންގެވުން ގާނޫނާ ހިލާފު ކަމަށް ސިފަކުރައްވައި ޕީޖީ ވެސް ގާނޫނާ ހިލާފު އެންގުމެއް އެންގެވުމަކީ އެއަށް ފުލުހުންނާއި ސިފައިން އަމަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.