ހަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކެނެޑާއިން ގޮވާލައިފި

Feb 23, 2018
4

އިތުރުވަމުންދާ ސިޔާސީ ހަލަބޮލިކަމާމެދު ކަންބޮޑުވެ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ހައްގުތައް ރައްކާތެރިކުރަން ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި އެވެ.

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ޓުވީޓެއް ކުރައްވާ މިއަދު ވިދާޅުވީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ހަލަބޮލިކަން އިތުރުވުމާއި ނޫސްވެރިންނާއި މުޒާހަރާތަކަށް ދާ ފަރާތްތައް ހައްޔަރު ކުރަމުންދާ ދިއުމާމެދު ކެނެޑާއިން ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ދިގު ދަންމާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ޑިމޮކްރަސީގެ ދަށުން އެންމެހާ ފަރާތްތަކަށް ލިއްބައިދޭ ހައްގުތައް ހޯދައިދިނުމަށް ގޮވާލާ ކަމަށެވެ،

"ސްޓޭޓް އޮފް އެމަޖެންސީ އުވާލަން ތަކުރާރުކޮށް ކެނެޑާއިން ގޮވާލަން،" ޑޭވިޑްގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއަށް ވަނުމަށް ބައިނަލްއަގުވާމީ އެތަކެއް ފަރާތްތަކުން ދަނީ ރާއްޖެއަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. އޭގެ ތެރެއިންވެސް އަވައްޓެރި އިންޑިއާއަކީ ފާހަގަކޮށްލެވޭ ގައުމެކެވެ.