އެޗްއާރްސީއެމް

މުޒާހަރާތަކަށް ކުޑަކުދިން ނުގެންދަން އެޗްއާރްސީއެމުން އެދެފި

Feb 23, 2018
5

މުޒާހަރާތަކާއި އެއްވުންތަކަށް 18 އަހަރުން ދަށުގެ ކުޑަކުދިން ނުގެންދަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެދެފި އެވެ.

މުޒާހަރާތަކަށް ކުޑަކުދިން ނުގެންދަން އެ ކޮމިޝަނުން އެދިފައި ވަނީ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން މާލެއާއި ރާއްޖޭގެ ރަށްރަށުގައި ގިނަ މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ވެސް ގިނަ ޖަލްސާ، ހަރަކާތްތަކާއި ހިނގާލުންތައް ބާއްވަމުންދާ ވަގުތެއްގަ އެވެ. މިފަދަ އެއްވުންތަކާއި މުޒާހަރާތަކުގައި 18 އަހަރުން ދަށުގެ ކުދިން ހަރަކާތްތެރިވާކަމުގެ ޝަކުވާތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެފަދަ ރިޕޯޓްތަކެއް ލިބެމުންދާކަމެއް، ނޫން ކަމެއް އެ ކޮމިޝަނުން މިރޭ ހާމަކޮށްފައެއް ނުވެ އެވެ.

"އަށާރަ އަހަރުން ދަށުގެ ކުޑަކުދިން މުޒާހަރާތަކާއި އެއްވުންތަކަށް ނުގެންދިއުމަށް މި ކޮމިޝަނުން ވަރަށް ބޮޑަށް އެދެން،" އެޗްއާރްސީއެމުން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.