ކުޅިވަރު

ސިޔާސީ ރަމްޒެއް ހާމަ ކުރުމުން ގާޑިއޯލާއަށް އަދަބެއް

ސްޕެއިން ވަކިވެ އުފައްދަން މަސައްކަތް ކުރާ ކެޓަލޯނިއާއަށް ތާއީދު ކޮށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ރިނބަންއެއް ބޭނުން ކުރުމުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އަށް އަދަބު ދީފި އެވެ.

ގާޑިއޯލާ ޖަހާފައިވާ ރީނދޫ ކުލައިގެ ރިނބަންއަކީ، ސްޕެއިން ވަކިވެ ކެޓަލޯނިއާގެ ދައުލަތް އުފެއްދުމަށް ނަގަން އުޅުނު ވޯޓާ ގުޅިގެން ޖަލައްލެވުނު މީހުންގެ ހައްގުގައި ބޭނުން ކުރާ ރަމްޒީ ރިބަނެކެވެ.

އެކަމާ ބެހޭގޮތުން ފުޓްބޯޅަ އެސޯސިއޭޝަނަށް ޖަވާބު ދާރީވާން ގާޑިއޯލާއަށް އިނގިރޭސި އެފްއޭއިން ވަނީ އަންގާފަ އެވެ. އެގޮތުން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމަޔަށް އެކަމަށް ޖަވާބު ދާރީ ވުމުގެ މުއްދަތު ފުޓްބޯޅަ އިދާރާއިން ވަނީ ގާޑިއޯލާއަށް ދީފަ އެވެ. މިހާރު މެންޗެސްޓާ ސިޓީ ތައްޔާރު ވަމުން ދަނީ ކަރަބާއޯ ކަޕްގެ ފައިނަލުގައި މާދަމާ ރޭ އާސެނަލްއާ ދެކޮޅަށް ނިކުންނަ މެޗަށެވެ.

ގާޑިއޯލާ އުފަންވީ ކެޓަލޯނިއާ ނިސްބަތްވާ ސެންޓަޕީޑޯ ޓައުން އަށެވެ. އަދި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ 20 އަހަރު ބާސެލޯނާގައި ހޭދަ ކޮށްފަ އެވެ. ކޯޗެއްގެ ގޮތުގައިވެސް އެންމެ ފުރަތަމަ އޭނާ ފެނިގެން ދިޔައީ ބާސެލޯނާއިންނެވެ.

ޑިސެމްބަރު މަހު ގާޑިއޯލަ ބުނެފައި ވަނީ ކެޓަލޯނިއާ މިނިވަން ދައުލަތެއް އުފެއްދުމަށް ވޯޓް ނަގަން އުޅޭ މީހުން ޖަލަށް ލުމުގައި ސްޕެއިންގެ ސަރުކާރުން އަމަލު ކުރަނީ ބޭއިންސާފުން ކަމަށެވެ.