ލިވަޕޫލް

ލިވަޕޫލަށް ޕްރިމިއާލީގް ހޯދައިދިނުމަކީ ދެކޭ ހުވަފެނެއް: ސޮލާހް

ޕްރިމިއާ ލީގް ހޯދުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެ ކާމިޔާބު ހޯދަން ބޭނުން ވަނީ ލިވަޕޫލްއާ އެކު ކަމަށް އެ ޓީމުގެ ފޯވަޑް މުހައްމަދު ސޮލާހް ބުނެފި އެވެ.

އޭނާ ބުނީ ޕްރިމިއާ ލީގްގެ އިތުރުން ޗެމްޕިއަންސް ލީގްގައި ވެސް ކާމިޔާބު ހޯދުމަކީ އޭނާއަށް ވަރަށް ހާއްސަ ކަމެއް ކަަމަށެވެ. މިރޭ ވެސްޓްހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލިވަޕޫލަށް ތާވަލުގެ ދެ ވަނަ އަށް ޖެހި ލެވޭނެ އެވެ.

ކުރިން ޗެލްސީއަށް ވެސް ކުޅުނު މިސްރުގެ ފޯވަޑް ވަނީ ޕްރިމިއާ ލީގަށް އެނބުރި އައިސް ވަރުގަދަ ނުފޫޒެއް އުފައްދާފަ އެވެ. ޕްރިމިއާ ލީގްގައި 26 މެޗުގައި އޭނާ ވަނީ 22 ގޯލް ޖާހަފަ އެވެ.

ޗެލްސީގައި އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ތިން ފަހަރު އެވެ. އޭނާ ކުޅެފައި ވަނީ ޖުމުލަ 30 މިނެޓްގަ އެވެ. އެެއީ ޗެލްސީން ލީގް ހޯދި 2014/2015 ވަނަ އަހަރުގެ ސީޒަންގަ އެވެ. ސީޒަންގެ ބާކީ ބައި އޭނަ ހޭދަ ކުރީ ލޯން އުސޫލުން އިޓަލީގެ ފިއޮރެންޓީނާގަ އެވެ. އެއަށްފަހު އޭނާ ސޮއި ކުރީ ރޯމާ އަށެވެ. މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން އޭނާ ލައްވައި ސޮއި ކުރުވީ، ރޯމާ އަށް 34 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ.

"އަހަރެން މި ތަނަށް އައީ ތަށިތައް ހޯދަން،" ފުޓްބޯލް ފޯކަސްއާ ވާހަކަ ދައްކަމުން ސޮލާހް 25، ބުންޏެވެ. "ސަޕޯޓަރުންނަށް އަހަރެން ބުނެލަން ބޭނުން ވަނީ އަހަރެމެން ވަރަށް ބުރަކޮށް އެ މަސައްކަތް ކުރަމޭ ކުލަބަށް ކާމިޔާބެއް ހޯދައިދިނުމަށް."

ޕްރިމިއާ ލީގް ތާރަފު ކުރި ފަހުން ލިވަޕޫލަށް ލީގް ހޯދިފައެއް ނުވެ އެވެ. އިނގިރޭސި އެންމެ މަތީ ފުޓްބޯޅައިގެ ލީގް އެ ޓީމުން އެންމެ ފަހުން ހޯދީ 1990 ވަނަ އަހަރު އެވެ.

"ކުލަބު [ލިވަޕޫލް] ލީގް ހޯދިފަހުން ގިނަ އަހަރުތަކެއް ވެއްޖެ، އަހަރެންގެ ހުވަފެނެއް ޕްރިމިއާ ލީގް ކާމިޔާބު ކުރުން ނަމަވެސް އަހަރެން އެކަން ކުރަން ބޭނުން ވަނީ ލިވަޕޫލްގައި."