މިއަންމާ

މިޔަންމާ ދަނީ ރޯހިންޔާ އަވަށްތައް ބިމާ ހަމަކުރަމުން

މިޔަންމާ ސިފައިން މިދިޔަ އަހަރު ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވާން ގެދޮރު ދޫކޮށް ދިޔަ ރޯހިންޔާ މީހުން ދިރިއުޅުނު އަވަށްތަކުގައިވާ އެންމެހާ އިމާރާތްތައް ތަޅައި ގަސްގަގާގެހި ވެސް ނައްތައިލުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ތުހުމަތު ކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެ ޖަމާއަތުން އިއްޔެ ބުނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ރޯހިންޔާ މީހުންގެ 50 އަވަށެއް މުޅިން "ފުހެލާފައި" ވާކަން ސެޓެލައިޓް ފޮޓޯތަކުން އިނގޭ ކަމަށެވެ. ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން އެގޮތަށް ކަންތައް ކުރަނީ އެ ގައުމުގެ ސިފައިން ޖަރީމާތައް ހިންގިކަމުގެ ހެކި ނައްތައިލަން ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކަކީ ނަސްލު ނައްތާލަން ކުރާ ކަމެއް ކަމަށް އދ. އިން މިދިޔަ އަހަރު ބުންޏެވެ. އެކަމަކު އެކަން ހުއްޓުވަން އަދި އެއްވެސް ފިޔަވަޅެއް ނާޅައެވެ.

"މި އަވަށްތައް ބުލްޑޯޒް ކުރުމުން ހަނދާންތައް ފުހެވޭ އަދި އެތަންތަނުގައި ދިރިއުޅުނު ކަމަށް ރޯހިންޔާ މީހުން ގާނޫނީ ގޮތުން ކުރާ ދައުވާއަށް ހުރަސް އެޅޭ،" ހިއުމަން ރައިޓްސް ވޮޗް އިން ބުންޏެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން މިދިޔަ އަހަރު ހިންގި މީހުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި ގެދޮރު އެންދުމުގެ ޖަރީމާތަކުން ސަލާމަތްވާން 700000 މީހުން ރާޚައިން ސްޓޭޓް ދޫކޮށް ދިޔައެވެ. އެގޮތުން ގެދޮރު ދޫކޮށް ދިޔަ މީހުން ދިރިއުޅުނު ގިނަ އަވަށްތައް އޮތީ ހުޅުޖެހުމުގެ ސަބަބުން ވީރާނާވެފަ އެވެ. ނަމަވެސް ވަރުގަދަ އާލާތްތައް ބޭނުން ކޮށްގެން އަަވަށްތައް ފުހެލަން މިހާރު ކުރިއަށް ގެންދާ ޖަރީމާގައި މުޅިން ފުހެލި އަވަށްތަކުގެ ތެރޭގައި ކުރިން އެއްވެސް ގެއްލުމެއް ނުވެ އޮތް ދެ އަވަށް ވެސް ހިމެނެ އެވެ.

މިޔަންމާގެ ރާޚައިން ސްޓޭޓުގައި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގާ އަމަލުތައް ހުއްޓުވަންް އދ. އިން ފިޔަވަޅެއް ނޭޅިޔަސް އެހެން ބައެއް ގައުމުތަކުގައި ހިނގި އެއަށް ވުރެެ ކުދި ކަންތައްތައް ހުއްޓުވަން ވެސް އދ. އިން ކުރިން ސިފައިން ފޮނުވިއެވެ. އެގޮތުން އިންޑޮނޭޝިއާގެ ދަށުގައި ކުރިން އޮތް އީސްޓް ޓީމޯރުގައި މިނިވަން ދައުލަތެއް ހަދައިދިނީ ވެސް އދ. އިންނެވެ.