ދުނިޔެ

އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު އާންމުންގެ ކުރިމަތީ މަރާލައިފި: ދެކުނު ކޮރެއާ

May 13, 2015

ގައުމަށް ޣައްދާރު ވުމުގެ ތުހުމަތުގައި އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު ހިއޮން ޔޮންގް ޗޮލް ސަރުކާރުން މަރާލައިފި ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އުމުރުން 66 އަަހަރުގެ ހިއޮން މަރާލާފައި ވަނީ ރައީސް ކިމް ޖޮންގް އުން އަށް ނުކިޔަމަންތެރިވި މައްސަލައަކާއި ރައީސް އިންނެވި، ގާނޫނު ހަދާ މަޖިލިސް މެންބަރުންގެ ބައްދަލުވުމެއްގައި ނިދި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

ކިމް 2011 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ގައުމަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެތައް ބަޔަކު ވަނީ މަރާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑިފެންސް މިނިސްޓަރު މަރާލާފައި ވަނީ ފަޔަރިން ރޭންޖަކަށް ނެރެ މަތިންދާބޯޓަށް ހަމަލާދޭ ބަޑިއަކުން ހަމަލާ ދީގެން ކަމަށް ދެކުުނު ކޮރެއާގެ ޖާސޫސީ އިދާރާ އިން ބުންޏެވެ. އަދި މިކަން ކުރި އިރު އެތަން ބަލަން އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.

ޖާސޫސީ އިދާރާ އިން ބުނީ ހިއޮން މަރާލާފައި ވަނީ ރައީސްގެ އޯޑަރުތަކަށް ތަބާނުވި މައްސަލައެއްގައި ހައްޔަރުކޮށް ދޫކޮށްލިތާ ތިން ދުވަސް ފަހުން އަލުން ހައްޔަރުކޮށް، ކޯޓުގެ ހުކުމެއް ވެސް ނެތި ކަމަށެވެ. އެ އިދާރާ އިން މިދިޔަ މަހު ބުނެފައިވާ ގޮތުގައި، ދައުލަތަށް ވަފާތެރި ނޫން ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ 15 މީހަކު މަރާލައިފަ އެެވެ.

ދުނިޔެއާ އެކަހެރި ވެގެން އޮންނަ އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު މަރާލިކަން އެނގިފައި ވަނީ ކޮން ގޮތަކުން ކަމެއް ދެކުުނު ކޮރެއާ އަކުން ނުބުނެ އެވެ. -- ރޮއިޓާސް