ހަބަރު

އިންޑިއާއިން ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށްފި

Feb 24, 2018
17

އަވަށްޓެރި އިންޑިއާއިން ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށްފި އެވެ. މި ތުހުމަތު ކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް ބޭފުޅެއް ކަމަށްވާ އައްބާސް އާދިލު ރިޒާ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި އެތައް ތުހުމަތެއް އިންޑިއާއަށްކޮށް ވިދާޅުވެފައިވަނީ 1 ފެބުރުއަރީގައި ހިންގި ރިޝްވަތުގެ ބަގާވާތުގެ މުގުލަކީ އިންޑިއާ ކަމަށެވެ. އިންޑިއާއިން ރޭވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެރިކަމަށް ގެނައުމަށް ކަމަށެވެ.

"ޑޮލަރު ހަވާލުކުރީ ގާސިމް އިބްރާހިމްއާ، ދެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޯތި ދިނީ ގާސިމް،" އޭނާ ތުހުމަތު ކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ތަރުޖަމާނުކަން ކުރެއްވި އައްބާސް މިފަދަ ތުހުމަތުތަކެއް އިންޑިއާއަށް ކޮށްފައިވާއިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އައްބާސް ތަރުޖަމާނަކަށް ހުންނެވި އިރު ސިޔާސީ އެއްވުމުގައި އިންޑިއާ އާއި އިންޑިއާގެ އެމްބެސަޑަރަށް ނިސްބަތްވާ ގޮތަށް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އޭރު އެނާގެ މަގާމުން ބަދަލު ކުރަން ވެސް ޖެހުނެވެ،

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރު ތަންފީޒު ކުރުމަށް ހަރުކަށިކޮށް އިންޑިއާއިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ. އަދި ރާއްޖެއިން ވަނީ މިހާރު ރާއްޖޭގެ އޮތް ހާލަތު އިތުރަށް ގޯސް ނުކުރުމަށް ވެސް އިންޑިއާއަށް އަންގާފަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރަކީ ބަޣާވާތެއް ކަމަށް ތުހުމަތުކޮށް ސަރުކާރުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އަހުމަދު ފާރިސް މައުމޫން އާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމާއި މެންބަރު އަބްދުﷲ ސިނާން އާއި މެންބަރު އިލްހާމް ވެސް ހައްޔަރުކޮށްފަ އެވެ.