ބޭރު ކުޅިވަރު

ރެއާލް އިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

މި އަހަރު ޗެމްޕިއަންސް ލީގާއި ޔުއޭފާ ސުޕަ ކަޕް އަދި ސްޕެނިޝް ކަޕް ކާމިޔާބުކުރި ރެއާލް އިން ލީޑު ނެގީ މެޗުގެ 37 ވަނަ މިނިޓުގައި ސާޖިއޯ ރާމޮސް ޖެހި ލަނޑުންނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ ދެވަނަ ލަނޑު ޖެހީ ގެރެތު ބޭލް އެވެ.

މިއީ ރެއާލް ޖެހިޖެހިގެން މޮޅުވި 22 ވަނަ މެޗެވެ. މިއީ ރެއާލް އިން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު ކުރިން ބާއްވަމުން ދިޔަ އިންޓަކޮންޓިނެންޓަލް ކަޕް ރެއާލް އިން ވަނީ ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މި އަހަރުގައި ރެއާލަށް ހަތަރު ތަށި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"މި އަހަރު ވަރަށް ރަނގަޅު ނަތީޖާތަކެއް ރެއާލް އިން ނެރެފި. މިއީ ވަރަށް ކާމިޔާބު އަހަރެއް. މިއީ އަހަރެމެންނަށް ހައްގު ކާމިޔާބެއް. މިހާރު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ރެއާލްއޭ ބުނެވިދާނެ،" އަންޗެލޮޓީ ބުންޏެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަން ސެން ލޮރެންޒޯގެ ކޯޗު އެޑްގާޑޯ ބައޫޒާ ބުނީ ފައިނަލް އިން ބަލިވި ނަމަވެސް، އެ ޓީމާމެދު ފަހުރުވެރިވާ ކަމަށެވެ.

"އަހަރެމެންނަށް މެޗަށް ނިކުތްއިރު ވެސް މޮޅުވާކަށް މާބޮޑު އުންމީދެއް ނުކުރަން. އެއީ އަހަރެމެންނަށް އެނގޭ ދެ ޓީމުގެ މެދުގައި އޮތް ތަފާތު. މިއީ އަހަރެމެންނަށް ކާމިޔާބު އަހަރެން.

ފައިނަލް އިން ބަލިވިޔަސް، މި ހިސާބަށް އާދެވުމަކީ ވެސް ފަހުރުވެރިވާންޖެހޭ ކަމެއް. މި މުބާރާތަކީ ސެން ލޮރެންޒޯ އަށް ރަނގަޅު ތަޖުރިބާއެއް،" ބައޫޒާ ބުންޏެވެ. – ބީބީސީ