ހަބަރު

ހައްޔަރުކޮށްފައިވާ މީހުނަށް ވަނީ ގާނޫނީ ދޮރު ބަންދުވެފައި: ވަކީލުން

Feb 24, 2018
2

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ދިފާއުގައި ގާނޫނީ ގޮތުން މަސައްކަތް ކުރުމުގެ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް، ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިޓީއެއް ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރި ނަމަވެސް އެ ސިޓީ ބަލައިގެންފައިނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކިރަމުންދާ މުޒާހަރާތަކުގެ ތެރެއިން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ފަސް މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެބޭފުޅުން ހައްޔަރުކޮށް، ބަހައްޓާފައިވަނީ ދޫނިދޫގަ އެވެ.

މަހުފޫޒް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ އެ ބޭފުޅުން ހައްޔަރު ކުރި ހިސާބުން ފެށިގެން އެ ބޭފުޅުންގެ ދިފާއުގައި ރާއްޖޭގެ އެއްވެސް ކޯޓެއް މެދުވެރިކޮށް ގާނޫނީ ދާއިރާ އާއި ޖިނާއީ އަދުލުގެ ނިޒާމުގެ މުއައްސަސާތަކުން އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށެވެ.

"ބަންދުގައި ތިބުމުން ސިޓީއެއް ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކޮށްފައިވާނީ، އެބޭފުޅުން ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްއެދި، ސިޓީ ބަލައެއް ނުގަތް، މިބޭފުޅުންގެ ދިފާއުގައި ގާނޫނީ ގޮތުން މަސައްކަތް ކުރުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައި،" މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ، އެބޭފުޅުން ހައްޔަރު ކޮށްފައިވަނީ ކުށެއް ކުރަމުން ދަނިކޮށެއް ނޫން ކަމަށާއި އެބޭފުޅުން ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތެއްގެ ދަށުން ކަމެއް ރާވައި ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ވިދާޅުވީ، އެ ހަ ބޭފުޅުންގެ ތަހުގީގުވެސް ނިމިފައިވާ ކަމަށާއި ތަހުގީގުގައި ހަމަ އެކަނި ކޮށްފައިވާ ސުވާލަކީ ސަރުކާރާ ދެކޮޅަށް އެބޭފުޅުން ކަމެއް ކުރުމަށް ރޭވި ކަމުގެ ސުވާލު ކަމަށެވެ. އެ ހަފަރާތުންވެސް އެކަމަށް އިންކާރު ކޮށްފައިވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަން އޮތް ދުވަހު ފުލުހުންވެސް ބުނީ އެބޭފުޅުން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް، އެކަމުންވެސް އިނގެނީ އެބޭފުޅުން ބަހައްޓަން ޖެހޭ އެއްވެސް ހާލަތެއް ނެތްކަން، އެކަން ހުދު ފުލުހުންވެސް ގަބޫލު ކުރޭ،" މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ، ބޭފުޅުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމްވެސް ހަމަޖެހިފައި ނުވާ ކަމަށާއި އެބޭފުޅުން ބަންދުގައި ތިއްބެވި ނަމަވެސް އެންމެ އަސާސީ ހިދުމަތްތައް ފުލުހުންނަށް ފޯރުކޮށްނުދޭ ކަމަށެވެ.

ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، ހައްޔަރު ކުރި ބޭފުޅުން ވަނީ ވަރަށް ގިނަ ހައްގު ތަކުން މަހުރޫމު ކޮށްފައި ކަމަށާއި އެގޮތުން ބަންދާމެދު ގޮތެއް ކަނޑައެޅުއްވުމަށް އެބޭފުޅުން ފަނޑިޔާރެއްގެ ކުރިމައްޗަަށް ހާޒިރު ކުރުމުންވެސް މަހުރޫމު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތެއް މިގައުމުގައި މިހާރު ނެތް ކަމަށާއި އޭގެ ދަށުން ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން ވަގުތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އެބޭފުޅުން މިހާރު އެވަނީ ރަހީނު ކުރެވިފައި ކަމަށް އަފީފު ވިދާޅުވި އެވެ.