ހަބަރު

ޣައިރުގާނޫނީ އަމުރަށް ތަބާ ނުވެގެން މަގާމު ގެއްލޭނަމަ ބަދަލުދޭނަން: އިދިކޮޅު

ދައުލަތުގެ މުއައްސާސަތަކުގަައި ތިއްބެވި މަސްއޫލުވެރިން ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވެ، ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމަށް ގޮވާލައި، އެގޮތަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަގާމު ގެއްލުނަސް، ވެރިކަން ލިބުމުން އެފަރާތަކަށް ބަދަލުދޭނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޣައިރު ގާނޫނީ އަމުރަށް ތަބާވުމަކީ ގާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށްވާތީ ގާނޫނުއަސާސީއާ ހިލާފުވެވަޑައިނުގަތުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބުނީ ތިން ބާރު ވަކިވެފައިވާ އަދި އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭގޮތަށް އޮތް ދުސްތޫރީ ނިޒާމަކުން ދައުލަތުގެ ހިންގަން ގާނޫނުއަސާސީގައި ކަނޑައަޅާފައި ވިޔަސް އެ ނިޒާމު މިހާރު ނުރައްކަލުގެ ތެރޭގައިވާ ކަމަށެވެ. ވެރިކަމުގެ ބާރު ނޫން އެހެން ބާރަކަަށް މިހާރު ޖާގަ ނުލިބޭ ކަމަށާއި ގާނޫނީ ހުކޫމަތު މިހާރު ރާއްޖޭން ނެތެމުންދާ ކަމަށް ވެސް ބުންޏެވެ.

"ޑިމޮކްރެސީގެ އުސޫލުތަކާއި ރޫލް އޮފް ލޯ ނުވަތަ ގާނޫނުގެ ވެރިކަން ނެތެމުންދާއިރު، ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ މުހިއްމު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަޅާނުލައްވާ ތިއްބެވުމަކީ މި ގައުމުގެ ހައްގުގައި ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައި ދެކެމެވެ،" ބަޔާނުގައި ބުނެފައި ވެެއެވެ.

ވާޖިބުތައް އަދާކުރުމުގައި ގާނޫނުއަސާސީއަށާއި ގާނޫނަށް ހަމައެކަނި ތަބާވުމަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާގޮތަށް ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަމަލުކުރެއްވަން އިދިކޮޅުގެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

" ... މިދެންނެވިގޮތުގެ މަތިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނިކޮށް މަގާމުން ދުރުކުރެވޭ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ގެއްލުންތަކަށް ރިޔާޢަތްކުރެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެފަރަތްތަކަށް އަލުން މަޤާމުތައް ކަށަވަރުކުރެވި، އެފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނޭ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.

އިދިކޮޅުން މިހެން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އުވިފައިވާ ކަމަށް ބައެއް ދައުލަތުގެ ވަކީލުން ބުނެފައިވަނިކޮށެވެ. އިދިކޮޅުގައި މަސައްކަތް ކުރާ ވަކީލުން ވެސް މިހާރު ކުއްލި ނުރައްކަލުގެ ހާލަތު، ގަރާރު ގާނޫނު އަސާސީއާ އެއްގޮތަށް ފާސްވެފައިނުވާތީ އުވިފައިވާ ކަމަށް ގަބޫލުކުރައްވާއިރު މިހާރު ފުލުހުންނާއި ސިފައިން އަމަލުކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.