އަހުމަދު މަހްލޫފު

އެސްއޯއީ ނިމެންދެން މަހުލޫފް ބަންދުގައި ބަހައްޓާނެ ކަމަށް ބުނި: އާއިލާ

ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހައްޔަރުގައި ބަހައްޓާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަހުލޫފް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުންނެވެ. އޭނާ ހައްޔަރުކުރީ އެ ރޭގެ އިދިކޮޅު އެއްވުމުގެ ތެރެއިންނެވެ.

ހައްޔަރުކުރި ފަހުން މަހުލޫފްގެ މައުލޫމާތެއް ލިބުނީ މިދިޔަ ހުކުރު ދުވަހު އެވެ. މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްއާ މިދިޔަ ހުކުރު ދުވަހު މަހުލޫފަށް ވަނީ ގުޅިފަ އެވެ. ނަޒްރާ ވިދާޅުވީ، މަހުލޫފް ހައްޔަރުކޮށްފައިވަނީ 28 ދުވަހަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މަހުލޫފް ވިދާޅުވި ކަމަށެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތެވެ.

ނަޒްރާ ވިދާޅުވީ، މަހުލޫފަށް ކުރާ ތުހުމަތެއް ސާފުނުވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އޭނާގެ މައްޗަށް ކުރާ ތުހުމަތު އާއިލާއަށް އެންގުން ކޮންމެހެން މަޖުބޫރުނުވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މަހުލޫފް ދޫނިދޫގައި ބާއްވާފައިވަނީ އެކަހެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފްއާއެކު ސިޔާސީ ހަރަކާތްތަކުގައި މިހާރު ބައިވެރިވަމުންދާ ނަޒްރާ ވިދާޅުވީ، މަހުލޫފް ހުންނެވީ ގަދަކޮށް ކަމަށާއި ޖަލުން މިނިވަންވުމާއެކު ސާބިތުކަމާއެކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ. އޭނާ އިސްވެ ހުންނަވާ ބާއްވަމުން ދިޔަ އެއްވުންތަކުގައި ކުރިއަށް އޮތްތާ ވެސް ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް މަހުލޫފް އެދިވަޑައިގަންނަވާ ކަމަށް ނަޒްރާ ވިދާޅުވި އެވެ.

މަހުލޫފް މިފަހުން ވަނީ ގިނަ ތުހުމަތުތަކެއްގައި ފުލުހަށް ހާޒިރުކޮށްފަ އެވެ. އެގޮތުން އޭނާ ގިނަ ދުވަސްތަކެއްގައި ލަންކާގައި އުޅުއްވުމަށްފަހު މާލެއިން ވަޑައިގެންނެވި ފަހުން ފަސް ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކުރި އެވެ. މަހުލޫފް މީގެކުރިން ވެސް ތުހުމަތުތަކެއް ހައްޔަރުކުރި އެވެ. އަދި ދެ ދައުވާއެއްގެ ކުށް ސާބިތުވެ 10 މަސް ދުވަހު ޖަލުގައި ވެސް އޮންނެވި އެވެ.