ވިޔަފާރި

މޫވްއެންޕިކް ރާއްޖޭގެ ރިސޯޓަށް ޖީއެމްއަކު ހަމަޖައްސައިފި

Feb 26, 2018
1
  • ރިސޯޓު ހުޅުވަނީ އަންނަ ކްއާޓަރުގައި
  • ރިސޯޓުގައި 105 ކޮޓަރި ހުންނާނެ
  • އެންމެ ފެންވަރު ރަނގަޅު ރިސޯޓެއް

މަޝްހޫރު މޫވްއެންޕިކް އިން ރާއްޖޭގެ ހުޅުވާ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރެދިވަރު ހުޅުވުމުގެ ގޮތުން ޖެނެރަލް މެނޭޖަރަކު ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާއިން ބުނި ގޮތުގައި މޫވްއެންޕިކް ހޮޓެލް އެންޑް ރިސޯޓު ރާއްޖޭގައި މެނޭޖުކުރާ ފުރަތަމަ ރިސޯޓު ނ. ކުރެދިވަރުގެ ޖީއެމްއަކަށް ހަމަޖައްސާފައިވަނީ ބްރައިސް ބޮރިން އެވެ.

އޭނާއަކީ ގިނަ ރިސޯޓުތަކެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ބޭފުޅެކެވެ. މިގޮތުން ބޮރިން ވަނީ ފްރާންސުގެ ހޮޓެލް ޗެއިންއެއްގައި 20 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފަ އެވެ.

މޫވްއެންޕިކް ކުރެދިވަރު ރިސޯޓަކީ 105 ކޮޓަރިީގެ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ކްއާޓަރުގެ ތެރޭގަ އެވެ.

މޫވްއެންޕިކް ހޮޓެލް އިން ބުނެފައިވާ ގޮތުގައި ކުރެދިވަރުގައި ފަސް ތަރީގެ ފެންވަރަށް ތަރައްގީކުރާ މި ރިސޯޓުގައި 33 ބީޗް ވިލާ އާއި 72 ވޯޓާވިލާ ހިމެނޭނެ އެވެ. އަދި މިތަން ފަރުމާ ކޮށްފައިވަނީ ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ މަތީ ދަރަޖައިގެ ޕްރައިވެސީ ލިބޭ ގޮތަށެވެ.

މި ރިސޯޓުގައި ކުޅިވަރު ކުޅެން ބޭނުންވާ ޓޫރިސްޓުންނާއި ހަނީމޫން އަދި އާއިލާއާއެއްކޮށް އަންނަ ޓޫރިސްޓުންނަށް އެންމެ މަތީ ފަންތީގައި ހިދުމަތް ދޭނެ އެވެ.

މޫވްއެންޕިކް ހޮޓެލް އެންޑް ރިސޯޓަކީ މަޝްހޫރު އައިސްކްރީމް ބްރޭންޑް "މޫވްއެންޕިކް" ނިސްބަތްވާ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރި އެކެވެ. މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 83 ރިސޯޓެއް ހިންގަ އެވެ.

ސަރުކާރުން ވަނީ މި ދައުރުގައި 50 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 24 ރިސޯޓަކާއި ދެ ހޮޓަލެއް ހުޅުވާނެ އެވެ.