ސީއެމްޑީއޭ

"ގޯލްޑް 100" ކުންފުނިތަކަށް ކޯޕަރޭޓް ގަވަނަންސް އެވޯޑެއް!

Feb 26, 2018
2

"ގޯލްޑް 100" ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެ އިން ހޮވާލެވޭ ކުންފުނި ތަކަށް ކޯޕަރޭޓް ގަވަނަންސް އެވޯޑެއް ދޭން ނިންމައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން މި އެވޯޑު ދޭން ހަމަޖެއްސީ "ގޯލްޑް 100" ގާލާ އިވެންޓުގަ އެވެ. މި އިވެންޓް ދެން ބާއްވާނީ އަންނަ އަހަރު އެވެ.

މި އެވޯޑު ލޯންޗް ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް100- ގާލާ ނައިޓް" ރަސްމިއްޔާތެއްގަ އެވެ.

ސީއެމްޑީއޭ އިން ބުނީ "ގޯލްޑް 100 " ކުންފުނިތަކަށް މިފަދަ އެވޯޑެއް ދެނީ އަމިއްލަ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަނަންސް ޕްރޮމޯޓް ކުރުމާއި ކޯޕަރޭޓް ގަވަނަންސް އުސޫލާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަންކޮށް، އެކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ދެނެގަތުމަށެވެ.

ރާއްޖޭގައި މީގެ ކުރިން "ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑް" އަށް އަމަލު ކުރަމުން ދަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފައިވާ ކުންފުނިތަކުންނެވެ. މި ކުންފުނިތަކުން މި ކޯޑަށް އަމަަލު ކުރުމަކީ ލާޒިމް ކަމެކެވެ. ކޯޑަށް އަމަލު ކުރަން ފެށުމާއެކު ކުންފުނީގެ ހިންގުން ޒަމާނީވެގެންދާނެ އެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން މި ކޯޑަށް އަމަލު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ސީއެމްޑީއޭ އިން ދަނީ ފަހިކޮށް ދެމުންނެވެ. މިގޮތުން ބޯޑުގެ މެންބަރުންނާއި ކޮމްޕެނީ ސެކްރެޓަރީއިންނަށް ހާއްސަ ތަމްރީންތަކެއް ސީއެމްޑީއޭ އިން ފޯރުކޮށްދެ އެވެ.

ސީއެމްޑީއޭ އާއި އެމްއެސްއީ އަދި ކޯޕަރޭޓް މޯލްޑިވްސްއިން "ގޯލްޑް100" ކުންފުނިތަކަށް އެވޯޑު ދޭން ނިންމިއިރު، މިހާރު "ގޯލްޑް100" އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ފަރާތްތައް ބަލައިގަންނަ އެވޯޑަކަށް ވަނީ ވެފަ އެވެ. މި އަހަރުވެސް ވަނީ 100 ކުންފުންޏަށް މި އެވޯޑް ލިބިފަ އެވެ.