ރައްޔިތުންގެ މަޖިލިސް

އެންއައިސީއަށްލާން ސުލައިމާންގެ ނަން ހުށަހަޅައިފި

Feb 26, 2018
2

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް އޭނާގެ ނަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ފެށި އިރު ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ އެންއައިސީއަށް ސުލައިމާން އައްޔަން ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށެވެ.

އެ ސިޓީފުޅު މަޖިލީހަށް މިއަދު އިއްވުމާއެކު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. ސުލައިމާންގެ ނަން މަޖިލީހަށް ފޮނުއްވި އިރު އެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އިރު ފާޑު ކިޔުންތައް އަމާޒުވެފައިވާ ސުލައިމާން އެ ކޮމިޝަނުގުގެ ރައީސްކަމާއި މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެެވެ.