ބޭރު ކުޅިވަރު

ލީގު ހޯދުމުގެ ރޭހުގައި ޑިސެމްބަރަކީ މުހިންމު މަހެއް: ޕެލެގްރިނީ

އިނގިރޭސި ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ.

ޕެލެގްރިނީ ބުނީ ޑިސެމްބަރު މަހު ގިނަ މެޗުތަކެއް ކުޅެންޖެހޭއިރު، މި މެޗުތަކުން މޮޅުވެ، އެއްވަނައިގައި އޮތް ޓީމަށް ޕްރެޝަރު ކުރުން ވަރަށް މުހިންމު ކަމަށެވެ.

"މި މަހަކީ ލީގު ކަށަވަރުވާނެ މަހެއް ނޫން. އެކަމަކު ލީގަށް ވާދަކުރަން ބޭނުންވާނަމަ، މި މަސް ނިމޭއިރު ރަނގަޅު ހިސާބެއްގައި އޮންނަން ޖެހޭ. އަހަރެމެން ޖެހިޖެހިގެން ހަ މެޗުން މި މޮޅުވީ. އެހެންވީމަ ޓީމަށް އިތުބާރު ލިބިއްޖެ،" ޕެލެގްރިނީ ބުންޏެވެ.

ޕެލެސް އަތުން ސިޓީ ރޭ މޮޅުވި މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ޑަވިޑް ސިލްވާ ދެ ލަނޑު ޖެހިއިރު، ޔާޔާ ޓޫރޭ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ސިޓީގެ ތިން ފޯވަޑުން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި އެޑިން ޖެކޯ އަދި ސްޓެވާން ޖޮވެޓިކް ނުލައި ރޭ ކުޅުނު މެޗުގައި ސިޓީގެ ފަރާތުން ފެނުނު ކުޅުމަށް ޕެލެގްރިނީ ވަނީ ތައުރީފްކޮށްފަ އެވެ.

"މުހިންމު ފޯވަޑުން ނުލައި ކުޅެން ޓީމުގެ އެހެން ކުޅުންތެރިން މި މެޗަށް ތައްޔާރުވި ގޮތާއި، މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ،" ޕެލެގްރިނީ ބުންޏެވެ. -- ބީބީސީ