ކުޅިވަރު

ގަޓޫސޯއާއެކު މިލާން ހަމަމަގަށް

އޭސީ މިލާންގެ ކޯޗު ކަމުން ވިންޗެސްޒޯ މޮންޓެލާ ވަކި ކޮށް، އެ ޓީމުގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޖެނާރޯ ގަޓޫސޯ ހަމަޖެއްސުމުން، ގިނަ ބަޔަކު ހީކުރީ އެއީ ސީޒަން ނިމެންދެން ހަވާލު ކުރި ވަގުތީ ވަޒީފާއެއް ކަމަށެވެ.

އޭނާގެ މަސައްކަތަށް ބެލުމަށް ފަހު، މިލާންއިން ނިންމާފައި އޮތީ ގަޓޫސޯއަށް ދިގު މުއްދަތުގެ ކޮންޓެރެކްޓެއް ދިނުމަށެވެ. ރޭ ރޯމާ އާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގަޓޫސޯ ވަނީ ބަލި ނުވެ 12 މެޗު ފުރިހަމަ ކޮށްފަ އެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މިލާންގެ ލަނޑުތައް ކާމިޔާބު ކުރީ ޕެޓްރިކް ކްޓްރޯނޭ އާއި ޑާވިޑް ކަލާބްރިއާ އެވެ.

ބަލި ނުވެ 12 މެޗު ފުރިހަމަ ކުރެން މިއީ މި ސީޒަންގައި ޔޫރަޕްގެ ކުރީގެ ގަދަ ބާރަށް ދެމެހެއްޓުނު ރަނގަޅު ޓްރެކެކެވެ. ދެން އޮތީ ގަޓޫސޯ ސިއްރު އުކުޅު ހޯދުމެވެ. އުނދަގޫ ހާލަތެއްގައި އޮތް މިލާންގެ މިސްރާބު އޭނާ ބަދަލު ކޮށްލީ ކޮން ޓްކެޓިކްސްއެއް ބޭނުން ކޮށްގެން ހެއްޔެވެ.

"ކުޅުންތެރިން އަހަރެންގެ ވާހަކަ އަޑު އަހާކަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ގަޓޫސޯ ބުންޏެވެ. "އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމުގެ ވިސްނުމާއި އަމަލު ކުރާ ގޮތް ރަނގަޅުވުން."

"ކުޅުންތެރިން ވަރަށް ބޮޑު ގުރުބާނީއެއް އަދާ ކުރޭ، ވަރަށް ބޮޑަށް އެކަމަށް މަސައްކަތް ކުރޭ، އެމީހުން މަސައްކަތް ކުރާ ގޮތްވެސް ތާފަތު."

"އަހަރެން ޓީމާ ހަވާލުވި ފުރަތަމަ މަހު އަހަރެމެން މުޅި ޓީމު ދިޔައީ ވަރަށް އުނދަގޫ ކޮށް، ނަމަވެސް އެ ވަގުތު ތަކުގައިވެސް އަހަރެންގެ ވާހަކަތައް ކުޅުންތެރިން އަޑު އަހާ."

މެދު ކެނޑުމަކަށް ފަހު އަލުން ޔޫރަޕްގެ މުބާރާތުގައި ވާދަ ކުރާ މިލާން އޮތީ ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ކްއާޓާ ފައިނަލުގައި އެ ޓީމު ވާދަ ކުރާނީ އިނގިރޭސި ވިލާތުގެ އާސެނަލްއާ ދެކޮޅަށެވެ.