އީޔޫ

އެސްއޯއީ އުވާ ނުލަންޏާ ފިޔަވަޅު އަޅަން ވިސްނާނަން: އީޔޫ

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފަނޑިޔާރުން މިނިވަން ނުކުރާ ނަމަ ވަކިވަކި މުއައްސަސާތަކާއި ވަކި ވަކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އީޔޫއިން މިހެން ބުނީ ދާދި ދެންމެއަކު ފާސްކުރި ގަރާރުގަ އެވެ. އެއީ މިމަހުގެ 21 ވަނަ ދުވަހު ހުށަހެޅި ދެލިކޮޕީއެއްގެ މައްޗަށް ފާސް ކުރި ގަރާރެކެވެ. އީޔޫގެ އެ ގަރާރު ފާސްކުރީ އީޔޫ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. މިއަދު ފާސްކުރި އެ ގަަރާރުގައި އިސްކަން ދޭ ހަތް ނުކުތާއެއް ހިމަނައި އެއަށް ބާރުލާފައި ވެއެވެ.

މުހިއްމު ބައެއް ނުކުތާތައް

* ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުަސަތު ދޭން ޖެހޭ ކަމަށް އީޔޫ ފޮރިން އެފެއާޒް ކައުންސިލުން ގަބޫލުކުރެ އެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުުންގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫނެވެ. އަދި މިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ އެވެ.

މިކަންތައްތައް ފާހަގަކޮށް ގަރާރުގައި ރާއްޖެއަށް ގޮވާލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި ގާނޫނު އަސާސީ ކަށަަވަރުކޮށްދޭ ހުރިހާ ހައްގެއް އިއާދަކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު އިހުލާސްތެރި ކަމާއެކު ވާހަތައް ފެށުމަށެވެ. އަދި ބުނެފައި ވަނީ ޔޫއެން މެދުވެރިވެެގެން ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާ ނަމަ އެކަމަށް އެހީތެރިވާނެ ކަަަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންނެވި އެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ