ހަބަރު

މަޝްވަރާގައި އިދިކޮޅުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ކުރާ މަޝްވަރާތަކާ ގުޅޭ ގޮތުން އދ. ގެ އޮފިޝަލުންނާ ވާހަ ކަދެއްކެވުމަށް، ލީގަލް އެޑްވައިސަރު ކަމަށް އިދިކޮޅު ޕާޓީތަކުން އިނގިރޭސިވިލާތުގެ ލޯޔަރެއް ކަމަށްވާ، ބެން އެމާސަން ހަމަޖައްސައިފި އެވެ. ބެން އެމާސަންއަކީ އިންސާނީ ހައްގުތަކާއި ކައުންޓާ ޓެރަރިޒަމާބެހޭ ގާނޫނީ މާހިރެކެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޝަރުތުތަކާއެކު ސަރުކާރާއެކު ކުރާ މަޝްވަރާތަކާ ގުޅޭ ގޮތުން އދ. އާ ވާހަކަ ދެއްކެވުމަށް އިދިކޮޅު ޕާޓީތަކަށް ލަފާ އެރުވުމަށް ބެން އެމާސަން ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އެހެން ފަރާތްތަކާއި ހިއްސާ ކުރުމަށް ވެސް އޭނާގެ ލަފާ ހޯދުމަށް އެ ޕާޓީތަކުން ނިންމާފައިވާ ކަމަށެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ސަރުކާރުން އަލުން މަޝްވަރާތަކަށް ހުޅުވާލުމުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ބޮޑެތި ޝަަރުތުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން މަޝްވަރާތަކުގައި ބައިވެރިވާނީ ސަރުކާރުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތާއެކު ހައްޔަރު ކުރި ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެހެން ބޭފުޅުން ވެސް ދޫކޮށްލުމުން ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

އޭގެ އިތުރުން އދ. ގެ މެންބަދޫބެއް ބައިވެރިކޮށްގެން މެނުވީ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ނުދާނެ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ. ނަމަވެސް މަޝްވަރާ ކުރުމަށް އދ. ގެ މަންދޫބަކު ބައިވެރިވުމަށް ސަރުކާރަށް ހުށަހެޅުމުން އދ. މެދވެރިއަކަށް ވުމަށް އެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށާއި އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނުގެ ނައިބު ފަރުހާން ހައްގު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން ދޮގު ކުރެ އެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނީ އިދިކޮޅު ލީޑަރުން ދޫކޮށްލައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއެއްގައި އެ ޕާޓީން ބައިވެރިނުވާނެ ކަމަށެވެ.