ކުޅިވަރު

އާސެނަލްގައި ވެންގާއަށް އިތުރު ފުރުސަތެއް ދީގެން ނުވާނެ

އާސެނަލްގެ ކޯޗުގެ މަގާމުގައި އާސެން ވެންގާއަށް އިތުރު ފުރުސަތެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އާސެނަލްއަށް ދެން ގެންނަންވީ ޒުވާން ކޯޗެއް ކަމަށް އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އިއާން ރައިޓް ބުނެފި އެވެ.

އާސެނަލް އަށް ކުޅުނު 288 މެޗުގައި 185 ލަނޑު ޖަހާފައިވާ ރައިޓް ބުނީ މި ސީޒަންގެ ފަހުންވެސް ވެންގާ ޓީމުގައި ހުރި ނަަމަވެސް އޭނާ އަށް އެކަން ހައްގުވާ ކަމަށް ދެއްކޭނެ ސަބަބެއް އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށެވެ.

މި އަހަރު އާސެނަލް ކުޅުނު 12 މެޗުގެ ތެރެއިން، ހަ މެޗުން އެ ޓީމު ވަނީ ބަލިވެ ފަ އެވެ. ގަދަ ހަތަރަކަށް ވަނުމުގެ އުންމިދު ކުރި ނަމަވެސް ވެންގާއަށް އާސެނަލް އެހިސާބަށް ގެންދިއުމަށް އުނދަގޫތަކެއް ކުރިމަތި ވާނެ އެވެ. އާސެނަލް އޮތީ ލީގްގެ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީއަށް ވުރު އަށް އާސެނަލް އޮތީ އަށް ޕޮއިންޓް ފަހަތުގަ އެވެ. އެއީ އެއް މެޗު ކުޅެން އޮއްވަ އެވެ.

ރައިޓް ބުނީ، ވެންގާއާ އެކު އާސެނަލްގެ ބައެއް ކުޅުންތެރިން ސީރިއަސް ނޫން ކަމަށާއި ބައެއް ކުޅުންތެރން މަސައްކަތް ކުރަނީވެސް ވަރަށް ފަސޭހަ ކޮށްލައިގެން ކަމަށެވެ.

"އަހަރެން ބޭނުން ވަނީ އާސެނަލް އަލުން ވާދަވެރި ޓީމަކަށް ވާން، ސަޕޯޓަރުންނަށް ހިތްހަމަޖެހުން ހޯދައިދޭނެ ކުޅުންތެރިން ސޮއި ކުރަން،" ބީބީސީގައި ވާހަކަ ދައްކަމުން ރައިޓް ބުންޏެވެ. "އަހަރެން ބޭނުން ޑިރެކްޓަރުންގެ ބޯޑުގައި އެކަމަށް މަސައްކަތް ކުރާނެ މީހަކު ހުންނަން."

އާސެނަލްގެ ކޯޗު ކަމަށް ބަޔާން މިޔުނިކްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ ގެންނަނަ ގޮތަށް ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ރައިޓްގެ ވިސްނުމުގައި އާސެނަލްއަށް ގެންނަންވީ، ޓޮޓެންހަމް ހޮސްޕާގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ އެވެ.

"ކުލަބު [އާސެނަލް] އިން ގެންނަން ޖެހޭނީ މުސްކުޅި ކޯޗެއް ނޫން، ބައެއް މީހުން ބުނޭ އަންޗެލޯޓީ ގެންނަ ވާހަކަ، ނަމަވެސް ކުލަބަށް ބޭނުން ވަނީ މައުރޫޝިއޯ ޕޮޗެޓީނޯ ކަހަލަ ކޯޗެއް."