އިންޑިއާ

އިންޑިއާގެ އަސްކަރީ ތަމްރީނުގައި ރާއްޖެ ބައިވެރިއެއް ނުވި

އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އިންޑިއާއިން އިސް ނަގައިގެން އަންނަ މާޗްމަހު ބާއްވަން އުޅޭ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދިން ދައުވަތު ރާއްޖޭން ބަލައި ނުގެން ދޫކޮށްލައިފި އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ އެޑްމިރަލް ސުނިލް ލަންބާއާ ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" އިން ބުނީ މާޗް ހަވަނަ ދުވަހު ފަށާ ތަމްރީނުތަކުގައި ބައިވެރިވާން ދިން ދައުވަތަށް ރާއްޖޭން އިޖާބަ ނުދިނީ ސަބަބެއްވެސް ބަޔާން ނުކޮށް ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ހަފުލާއެއްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަބަރާ ބެހޭގޮތުންް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރު އިބުރާހީމް އާޒިމް ވިދާޅުވީ "ބޭރުގެ ނޫހެއްގައި އޮންނަ ލިއުމަކަށް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާ" ކަމަށެވެ.

"މިލަން" ގެ ނަމުގައި އިންޑިއާއިން ބާއްވާ ތަމްރީނުތައް އޮންނާނީ އިންޑިއާ ކަނޑުގައި ރާއްޖޭގެ އިރުމަތިން އޮންނަ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ނަމަކަށް ކިޔާ އަތޮޅުގަ އެވެ. އެއީ އިންޑިއާގެ ސިޔާދަތީ ބާރު އޮންނަ އެ ގައުމުގެ ސަރަހައްދެކެވެ. އިންޑިއާގެ ނޫސްތަކުން ސިފަކުރާ ގޮތުގައި އެއީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރުވެރިކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރާ ސަރަހައްދުގެ ނިމޭ ހިސާބެވެ.

އިންޑިއާއިން މިފަހަރު ބާއްވާ ތަމްރީނުތަކުގައި ޖުމްލަ 15 ގައުމެއް ބައިވެރިވާ އިރު އޭގެ ތެރޭގައި ޗައިނާއާ ގާތް ގުޅުމެއް އޮންނަަ ސްރީލަންކާ ވެސް ހިމެނެ އެވެ. އިންޑިއާއާ ލަންކާގެ އިތުރުން ދެން ބައިވެރި ވަނީ އޮސްޓްރޭލިއާ އާއި މޮރިޝަސް އާއި މެލޭޝިއާ، މިޔަންމާ، ނިއުޒީލޭންޑާއި ވިއެޓްނާމާއި ތައިލެންޑް، ސިންގަޕޫރާއި ޓެންޒޭނިއާ އާއި ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ އާއި ކެންޔާ އަދި ކެމްބޯޑިއާ އެވެ.

ތަމްރީނުތަކުގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން މިޔަންމާއަކީ ރާއްޖޭން އެ ގައުމާ އެކު އޮތް ގުޅުންތައް ސަސްޕެންޑް ކޮށްފައިވާ ގައުމެކެވެ. އެއީ ރާޚައިން ސްޓޭޓުގައި ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

މިޔަންމާ ސިފައިން ވަނީ ރާޚައިން ސްޓޭޓުގައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ފަދަ އެތައް ޖަރީމާއެއް ހިންގި ޖަރިމާތަކުގެ ސަބުން ރޯހިންޔާ ދަރިކޮޅުގެ ހަތް ލައްކަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.

އިންޑިއާއާ ރާއްޖޭގެ ސިފައިން ގުޅިގެން އަސްކަރީ ގިނަ ތަމްރީނުތަކެއް ކުރިއްސުރެ އަންނަނީ ބާއްވަމުންނެވެ.