ކުޅިވަރު

ނޭމާ އިންޖަރީވެ ރެއާލްގެ މެޗުން ބާކީ ވެއްޖެ

ނޭމާގެ ކުޑަ ހުޅަށް އަނިޔާވެ، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެ އެވެ.

ނޭމާ އަށް އަނިޔާވީ އާދިއްތަ ދުވަހު ރޭ މާސޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ނޭމާ ވަނީ ޕީއެސްޖީއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ޕީއެސްޖީން ބުނީ ނޭމާ އަށް އަނިޔާވީ ފަސް ވަނަ ދަރަޖައިގައި ކަމަށެވެ.

އާންމު ގޮތެއްގައި އެފަދަ އަނިޔާ ތަކުން ރަނގަޅުވާން ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަ ވާނެ އެވެ. ޕީއެސްޖީ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ޓީމުގައި އަނިޔާގެ އިތުރު މައްސަލައެއް ނެތެވެ.

ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. އޭނާ ވަނީ ފްރާންސް ލީގްގައި 19 ލަނޑު ޖަހާފަ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ރެއާލްއާ ދެކޮޅަށް ނޭމާ ކުޅުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ.