ކުއްލި ނުރައްކަލުގެ ހާލަތު

އަސްކަރީ ތަމްރީނުގައި ބައިވެރި ނުވީ އެސްއޯއީ އޮތުމުން

އިންޑިއާއިން އިސް ނަގައިގެން އަންނަ މާޗުމަހު އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގައި ފަށާ އަސްކަރީ ތަމްރީނުތަކުގައި ރާއްޖެއިން ބައިވެރި ނުވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ތަމްރީނުތަކުގައި ބައިވެރިވާން ދަތި ވާތީ ކަމަށްް ސަރުކާރުން ބުނެފި އެވެ.

އިންްޑިއާއާއެކު އެހެން 15 ގައުމަކުން ވެސް ބައިވެރިވާ ތަމްރީނުތަކުގައި ރާއްޖޭން ބައިވެރި ނުވާ ސަބަބެއް ނާންގާ ކަމަށް އިންްޑިއާގެ ކަނޑުގެ ސިފައިންގެ ވެރިއަކު ވަނީ ނޫސްތަކަށް ވިދާޅުވެފަ އެވެ. އެ ހަބަރު ފެތުރުމުން އިންްޑިއާގައި ހުންނަ ރާއްްޖޭގެ އެމްބަސީން ނެރުނު އޮޅުން ފިލުވައި ދިނުމުގެ ބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމާއި ގިނަ ތަހުގީގުތަކެއް ހިނގަމުން ދިއުމުގެ ސަބަބުން މިފަހަރު ބައިވެރިވާން ދަތިވީ ކަމަށެވެ.

"... ސިފައިން އެމީހުންގެ މަގާމުތަކުގައި ތިބެންޖެހޭ ހާލަތްތަކުގައި ބޭރު ގައުމުތަކުގައި އޮންނަ ތަމްރީނު ތަކަށް ނުފޮނުވައި އަޅުގަނޑުމެން ބައިތިއްބަމެވެ. އެހެންވީމާ މިފަހަރުގެ ތަމްްރީނުތަކުގައި ބައިވެރި ނުވެވުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ."

ބަޔާނުގައި އަދި ބުނީ ރާއްޖެއާ އިންޑިއާއަކީ ރާއްޖެއާ އިންޑިއާއަކީ އެންމެ ރަނގަޅު ގޮތުގައި ގުޅިގެން އަސްކަރީ ތަމްރީނުތައް ބޭއްވުމުގެ ތާރީހެއް އޮތް ދެ ގައުމު ކަމަށެވެ. އަދި އެކަން އެގޮތުގައި ދެމި އޮންނާނެކަމުގެ އިތުބާރު އެބަ އޮތް ކަމަށެވެ.

"މިލަން" ގެ ނަމުގައި އިންޑިއާއިން ބާއްވާ ތަމްރީނުތައް އޮންނާނީ އިންޑިއާ ކަނޑުގައި ރާއްޖޭގެ އިރުމަތިން އޮންނަ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ނަމަކަށް ކިޔާ އަތޮޅުގަ އެވެ. އެއީ އިންޑިއާގެ ސިޔާދަތީ ބާރު އޮންނަ އެ ގައުމުގެ ސަރަހައްދެކެވެ. އިންޑިއާގެ ނޫސްތަކުން ސިފަކުރާ ގޮތުގައި އެއީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރުވެރިކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރާ ސަރަހައްދުގެ ނިމޭ ހިސާބެވެ.

އިންޑިއާއިން މިފަހަރު ބާއްވާ ތަމްރީނުތަކުގައި ޖުމްލަ 15 ގައުމެއް ބައިވެރިވާ އިރު އޭގެ ތެރޭގައި ޗައިނާއާ ގާތް ގުޅުމެއް އޮންނަަ ސްރީލަންކާ ވެސް ހިމެނެ އެވެ. އިންޑިއާއާ ލަންކާގެ އިތުރުން ދެން ބައިވެރި ވަނީ އޮސްޓްރޭލިއާ އާއި މޮރިޝަސް އާއި މެލޭޝިއާ، މިޔަންމާ، ނިއުޒީލޭންޑާއި ވިއެޓްނާމާއި ތައިލެންޑް، ސިންގަޕޫރާއި ޓެންޒޭނިއާ އާއި ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ އާއި ކެންޔާ އަދި ކެމްބޯޑިއާ އެވެ.

ތަމްރީނުތަކުގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން މިޔަންމާއަކީ ރާއްޖޭން އެ ގައުމާ އެކު އޮތް ގުޅުންތައް ސަސްޕެންޑް ކޮށްފައިވާ ގައުމެކެވެ. އެއީ ރާޚައިން ސްޓޭޓުގައި ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

މިޔަންމާ ސިފައިން ވަނީ ރާޚައިން ސްޓޭޓުގައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ފަދަ އެތައް ޖަރީމާއެއް ހިންގި ޖަރިމާތަކުގެ ސަބުން ރޯހިންޔާ ދަރިކޮޅުގެ ހަތް ލައްކަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.

އިންޑިއާއާ ރާއްޖޭގެ ސިފައިން ގުޅިގެން އަސްކަރީ ގިނަ ތަމްރީނުތަކެއް ކުރިއްސުރެ އަންނަނީ ބާއްވަމުންނެވެ.