ކުޅިވަރު

2017 ގައި ދުނިޔޭގެ އެންމެ މޮޅު އެތުލީޓަކަށް ފެޑްރާ

ލޯރިއަސް ކުޅިވަރު އެވޯޑްގައި ދުނިޔޭގެ އެންމެ މޮޅު ސްޕޯޓްސްމަންގެ އެވޯޑް 20 ވަނަ ފަހަރަށް ޓެނިސްގެ ގްރޭންޑް ސްލޭމް ކާމިޔާބު ކުރި ސްވިޒަލޭންޑްގެ ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑްރާ ހޯދައިފި އެވެ.

ފެޑްރާ ވަނީ އޮސްޓްރޭލިއަން އޯޕަން އަދި ވިމްބަލްޑަން ޓެނިސް މުބާރާތް މިދިޔަ އަހަރު ހޯދާފަ އެވެ. އެ މުބާރާތެއް އޭނާ މި ކާމިޔާބު ކުރީ ހަތް އަހަރު ވަންދެން ބޮޑު އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި ދިއުމަށްފަހު އެވެ.

"އަހަރެން ހީއެއް ނުކުރަން އަލުން އަހަންނަށް މި ލެވަލަށް އާދެވިދާނެ ކަމަކަށް،" ފެޑްރާ36 ބުންޏެވެ. "މިދިޔަ އަހަރު އަހަންނަށް މި ކުރެވުނީ މުޅިން ތަފާތު އެހެން ކަމެއް، މިއީ އަހަންނަށް ދުނިޔެ ލިބުން ފަދަ ކަމެއް."

ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިހާރު ހުރި ފެޑްރާ ބުނީ އެނބުރި އައުން އަބަދުވެސް ވަރަށް އިމޯޝަނަލް ވާނެ ކަމަށާއި މިދިޔަ އަހަރަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވެގެންދިޔަ އަހަރެއް ކަމަށެވެ.

ފެޑްރާ އެ އެވޯޑް ގެންދިޔައީ، ރެއާލް މެޑްރިޑްގެ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިނގިރޭސި ވިލާތުގެ ދުވުންތެރިޔާ މުހައްމަދު ފަރާހް އާ ވާދަ ކޮށެވެ. އަދި ނޮމިނޭޝަންގައި ފެޑްރާއާ ވާދަވެރި ރަފޭލް ނަޑާލްވެސް ހިމެނެ އެވެ.

އެންމެ މޮޅު ސްޕޯޓްވޮމަންގެ އެވޯޑް ހޯދީ، މިދިޔަ އަހަރު 23 ވަނަ ފަހަރަށް ގްރޭންޑް ސްލޭމް ހޯދި އެމެރިކާގެ ސެރީނާ ވިލިއަމްސް އެވެ.