ސްޓޮކް އެކްސްޗޭންޖް

ޔާމީން ރަޝީދުގެ ހިދުމަތުގެ އަގުވަޒަން ކޮށްފި

Feb 28, 2018
2

ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި މަރާލާފައި އޮއްވާ ފެނުނު ބްލޮގާ ޔާމީން ރަޝީދުގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ ވަޒީފާ އަދާކުރި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ޔާމީނަށް ސެޓްފިކެޓެއް ދީފި އެވެ.

ޔާމީނަކީ ސްޓޮކް އެކްސްޗޭންޖްގައި ސޮފްޓްވެއާ ޑިވޮލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މުވައްޒަފެކެވެ. މަރާލިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްއެސްއީ އިން ސެޓްފިކެޓެއް ދީފައިވަނީ އިއްޔެ ފާހަގަކުރި އެ ކުންފުނީގެ 10 ވަނަ އަހަރީ ޖަލްސާގަ އެވެ.

ޔާމީން މަރުވިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ކުންފުންޏާއެކު މަސައްކަތްކުރާ އިންވެސްޓަރުންގެ ހިދުމަތްތަށް ފަސޭހަ ނިޒާމެއްގެ ތެރޭން ކުރެވޭނެ ހާއްސަ ޕޯޓަލްއެއް ޑިޒައިންކުރުމުގެ ޕްރޮޖެކްޓެއްގަ އެވެ.

ޔާމީނަކީ، މީގެ ތިން އަހަރު ކުރިން ވަގަށް ނަގާފައިވާ، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާ މަރާލާފައިވަނީ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލައިގެންނެވެ. ޔާމީން މަރާލި އިރު އޭނާގެ އުމުރުން 29 އަހަރެވެ.