ހަބަރު

ރާއްޖޭގައި އަޅާ އޮބްޒަވޭޓްރީގެ ކަންތައް ބޮޑުކުރީ ހަސަދަވެރިކަމުން: ޗައިނާ

ރާއްޖޭގައި ޗައިނާއިން އަޅާ އޯޝަން އޮބްަޒަވޭޓްރީގެ ކަންތައް އިންޑިއާގެ މީޑިއާއިން ބޮޑުކޮށްލައިގެން އުޅެނީ ހަސަދަވެރިވެގެން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ އެނަލިސްޓުންނާ ހަވާލާދީ އެގައުމުގެ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ އޯޝަން އޮވްޒަވޭޓްރީ އެޅުމުގައި އަސްކަރީ އެއްވެސް މަގުސަދެއް ނެތް ކަމަށެވެ.

"ކަނޑުމަތީގެ ކަންކަމުގައި ދިވެހި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމުގައި އެއްވެސް އަސްކަރީ އެއްވެސް މަގުސަދެއް ނެތް. ކަންތައް ބޮޑުކޮށްލާފައިވާ އިންޑިއާގެ މީޑިއާ ރިޕޯޓުތަކަކީ ދެކުނު އޭޝިއާގެ ގައުމުތަކާ ޗައިނާއާ ދެމެދު އޮންނަ ގުޅުމާ މެދު އޮންނަ ހަސަދަވެރިކަމުން އަންނަ ރިޕޯޓުތަކެއް،" އެނަލިސްޓުންނާ ހަވާލާދީ ގްލޯބަލް ޓައިމްސްގައި ބުނެފައި ވެެއެވެ.

ނޫހުން ބުނީ ޗައިނާއިން ދެކުނު އޭޝިއާ ގައުމަކާ ގުޅުން ބަދަހިި ކުރާ އިރަށް އިންޑިއާއިން އެކަން ސިފަ ކުރަނީ އެ ގައުމު ހިސާރު ކުރުމުގެ ގޮތުގައި ކަމަށެވެ.

އެގޮތަށް ކަންތައް ކުރަނީ މި ސަރަހައްދަކީ އިންޑިއާގެ "ބެކްޔާޑް" ގެ ގޮތުގައި އިންޑިއާއިން ދެކޭ ކަމަށް ބުނެ ރިޕޯޓުގައި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

ރާއްޖޭގައި އަޅާ އޮބްޒަވޭޓްރީއާ ބެހޭ ގޮތުން އެރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ބޭނުމަކީ ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަަށް މަސައްކަތް ކުރުމާއި ކަނޑުމަތީގެ ކާރިސާތަކުން ރައްކާތެެރިވުމާއި ސައިންޓިފިކް ރިސާޗްކުރުން ކަމަށެވެ. އަދި ބުނީ އޮބްޒަވޭޓްރީ އަޅަން ރާއްޖެއާ ޗައިނާއާއިން ސޮއިކުރި އެއްބަސްވުމުގައި ވެސް އޮންނާނީ އެގޮތަށް ކަމަށެވެ.

"ހަމަނުޖެހުން ބޮޑު ހާލަތާ ގުޅިގެން [ރާއްްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމާ ގުޅިގެން] އިންޑިއާގެ މީޑިއާއިން އުޅެނި ދިވެހި ރާއްޖެއާ ޗައިނާއާ އޮންނަ ގުޅުމުގެ ކަންތައްް ބޮޑުކޮށްލައިގެން،" ޒާއޯ ގޭންޝެން ވިދާޅުވި ކަމަށް ރިޕޯޓުގައި ވެއެވެ.

ޒާއޯ އަކީ ޝަންހާއީ އިންސްޓްޓިއުޓް ފޯ އިންޓަނޭޝަނަލް ސްޓަޑީޒްގެ ސެންޓަ ފޯ އޭޝިއާ ޕެސިފިކް ސްޓަޑީޒްގެ ޑިރެކްޓަރެވެ.

ކަނޑުގެ ދިރާސާކުރާ މަރުކަޒެއް ރާއްޖޭގައި އަޅަން ޗައިނާއާއި ރާއްޖޭން އެއްބަސްވީ މިދިޔަ 2017 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. "ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ގާއިމްކުރި އެ އެއްބަސްވުމުގައި ރާއްޖެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ހައްމަދު އާސިމް އެވެ. އަދި ޗައިނާ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ އެޑްމިނިސްޓްރޭޓާ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިކަން ސަރުކާރުން އޭރުގައި ރަސްމީކޮށް އިއުލާނު ކުރި ނަމަވެސް އިންޑިއާއިން އޭރުގައި ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އެ މައްސަލައިގައި އިންޑިއާއާ ރާއްޖޭގެ ސަރުކާރުން ސިއްރިއްޔާތުގައި މަޝްވަރާ ކުރިކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

އިންޑިއާގެ ނޫސްތަކުން އިއްޔެ ބުނީ ކަނޑުގެ މަރުކަޒުގެ ކަންތަކާ އިންޑިއާއިން ކަންބޮޑުވަނީ އެެއީ މިލްކުވެރިކަމާމެދު އަރައިރުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ވެސް ޗައިނާއިން ތަރައްގީ ކުރަމުން އަންނަ މަރުކަޒާ އެއްފަދަ ތަނަކަށް ވެދާނެތީ ކަމަށެވެ. އަދި ބުނީ އެ މަރުކަރު އަޅަނީ ރާއްޖޭގެ އުތުރުގައި އޮންނަ މަކުނުދޫގައި ކަމަށް ވުމުން އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބަކަށް ވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަން ކަން އެހެން ހުރުމުން މިއީ އަސްކަރީ ގޮތުންް އިންޑިއާ ވަށައިލުމަށް ޗައިނާއން ކުރިއަށް ގެންދާ ކަމަށް އިންޑިއާއިން ތުހުމަތު ކުރާ " ސްޓްރިންގް އޮފް ޕާލްސް" މަޝްރޫއުގެ ބައެއް ކަމަށް އިންޑިއާގެ ސަލާމަތީ މާހިރުން ދެކެވަޑައިގަންނަވައެވެ.