ސީރިޔާ

ގަރާރަށް ގޮންޖައި އިރުމަތީ ޣޫތާއަށް ހަމަލަދިނުން ސީރިއާ ހުއްޓައެއް ނުލި

ގޮތެއް ފޮތެއް ނުބަލައި ބޮން އެޅުމުގެ ސަބަބުން އާއްމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް މީހުން ޒަހަވްވުމުން މުޅި ސީރިޔާގައި ހަމަލާ ދިނުން 30 ދުވަހަށް ހުއްޓައިލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ސީރިޔާ ސަރުކާރުުން ބޮލެއް ނުލެނބި އެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ އިރުމަތީ ޣޫތާއަށް ފާއިތުވި 11 ދުވަސް ތެރޭގައި ދިން ހަމަލާތަކަކީ ހަތް އަހަރު ފުރި އަށް އަހަރަށްދާ ހަނގުރާމައިގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އެ ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 500 އަށްވުރެ މަތިވެފައި ވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އެ ޖަރީމާތަކަށް ފަހު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ގޮވާލާގައި ވަނީ ސޫރިޔާގެ ހުރިހާ ހިސާބެއްގައި ވެސް ހަމަލާ ދިނުން 30 ދުަވަހަށް ހުއްޓައިލުމަށެވެ. އެ ގަަރާރު ފާސްކުރީ ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް ވާގިވެރިވާ ރަޝިޔާއިން ވެސް ބައިވެރިވެގެންނެވެ.

އދ. ގެ ގަރާރު ފާސްކުރުމުން ވެސް އިރުމަތީ ޣޫތާއަށް ހަމަލާ ދިނުން ހުއްޓައި ނުލައި އަސަދު ސަރުކާރާއި ރަޝިޔާ ސަރުކާރުން ބުނީ އެމީހުން ހަމަލާ ދެމުން ދަނީ ޓެރަރިސްޓުންނާ ދެކޮޅަށެވެ. އިރުމަތީ ޣޫތާއަކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ޖަމާއަތްތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދެއްގެ ބާރުުގެ ދަށުގައިވާ ރަށެކެވެ. އެރަށް ކޮންޓްރޯލް ކުރާ ޖަމާއަތްތަކުގެ ތެރޭގައި ތުރުކީން ވާގިވެރިވާ ޖަމާއަތެއް ވެސް ހިމެނެއެވެ.

އދ.ގެ ގަރާރަށް ބޯ ނުލެނބިޔަސް އިންސާނީ އެހީ ފޯރުކޮށްދޭން ކޮންމެ ދުވަހަކު ފަސްް ގަޑި އިރަށް ހަމަލާތައް ހުއްޓައިލަން ރަޝިޔާއިން ވަނީ ނިންމާފައެވެ. ރޮއިޓާސް ބުނީ ރަޝިޔާގެ ނިންމުމާ އެއްގޮތަށް ބޮން އެޅުން ހުއްޓާލާފައި އޮންނަ ފަސް ގަޑި އިރުގެ ތެރޭގައި ވެސް ސީރިޔާ ސިފައިން ބިމުންދޭ ހަމަލާތައް ހުއްޓާ ނުލާ ކަމަށެވެ.

ސީރިޔާގައި ހިނގަމުންދާ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.