ރާއްޖޭގެ މުއައްސަސާތަކުގެ ތެރޭގައި ތިއްބެވި "ގަދީމީ ވެރިކަމުގެ މީހުން" ރާއްޖޭގެ މުއައްސާތައް ފަސާދަ ކޮށްގެން ދައުލަތުގެ މައްޗަށް ވެރިވެ ނުގަނެވޭނެ ކަމަށް ވިދާޅުވެ، ފިޝަޒީރް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިދިކޮޅު ފަރާތްތަަކަށް ފާޑުވިދާޅުވެއްޖެ އެވެ. ޝައިނީ އަކީ ޕާޓީތަކާއެކު ބާއްވާނެ ކަަމަށް ސަރުކާރުން ބުނާ ވާހަކަތަކުގައި ސަރުކާރުގެ މަންދޫބު ވެސް މެއެވެ.
އޭޝިއާ ޓައިމްސްގައި އޭނާ ލިއުއްވި އޮޕްއެޑެއްގައި ޝައިނީ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް އޮތް ހަމަ އެކަނި ގޮތަކީ ޑިމޮކްރަސީގެ ދޮރުން ވަނުން ކަމަށެވެ.
"ސާފުކޮށް އެނގޭ ކަމަކީ އެންމެ މަތީ ކޯޓުގައި ފަސާދަ އޮތުން ދިވެހިން ތަަހައްމަލު ނުކުރާނެ ކަމެވެ. ދީމީ ވެރިކަމުގެ ތެރެއިން ބާކީ ތިބި މީހުން ދައުލަތަށް ވެރިވެގަތުމަށް ލަދެއް ނެތި ރާއްޖޭގެ މުއައްސަސާތައް ފަސާދައެއް ނުކުރެވޭނެ އެވެ،" ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުގައި އުޅުއްވި ބައެއް ބޭފުޅުންނަށް ކަން ދޭހަވާ ފަދަ މޭރުމަކުން އޭނާ ލިއުއްވާފައި ވެއެވެ.
ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތަށް އިޝާރާތް ކުރައްވާ ޝައިނީ ވަނީ ފްރާންސްގައި ދެ އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އޮތް ހާލަތާއި ރާއްޖޭގެ ހާލަތު އޭނާގެ ލިޔުއްވުމުން އަޅުއްވައި ކިއުއްވާފައެވެ. އެގޮތުން ފާހަގަކުރައްވާފައި ވަނީ އެ ގައުމުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެންް ދެ އަހަރު ދުވަހަށް ކުއްލި ހާލަތު އިއުލާނު ކުރި އެވެ. އަދި އެކަމުގެ އަސަރު މީހުނާއި އާއްމު ދިރިއުޅުމަކަށް ނުކުރެ އެވެ.
"ހަމަ ފުރާންސް އެކޭ އެއްފަދައިން އެކަމުގެ [ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އޭގެ ] އަސަރު އަޅުގަނޑުމެންގެ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ވިޔަފާރިއަށް ވަނީ ވަރަށް ކުޑަ އުނދަގުލެކެވެ. އަޅުގަނޑުމެންގެ ޖަޒީރާ ގައުމުގެ ރައްޔިތުނަަށް އެއްވެސް ގޮތަކުން އެކަމުގެ [ނުބައި] އަސަރެއް ނުކުރެއެވެ،" ފްރާންސްގައި ރައްޔިތުންނަަށް އޮންނަ ބޮޑު މިނިވަން ކަމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އަސަރެއް ނުުކުރާ ކަން ފާހަގަ ކުރެއްވުމަށް ފަހު ޝައިނީ ލިޔުއްވާފައި ވެއެވެ.
މިނިސްޓަރު މިމޭރުމުން ހިޔާލު ފާޅުކުރައްވާފައި މިވަނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމަށް ދުނިޔޭގެ ގައުމުތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމަށް ރިއާޔަތް ކުރައްވައި ލިޔުއްވާފައި ވަނީ މިހާލަތު އަވަހަށް ނިމުމަކަށް އަންނާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.