ހަބަރު

ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފި އެވެ.

ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކުރަން ބްރޯޑްކޮމް އިން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކާގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއްކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ އެވެ.

އެހެންކަމުން ވީޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި ވީއެފްއެމް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ. އެގޮތުން ޖޫރިމަނާކޮށްފައި ވަނީ އަބުރުގެ ގާނޫނާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ އެވެ. އަދި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ނުފެތޭ ބަސްމަގު ހުރި ކޮންޓެންޓު ބްރޯޑްކާސްޓް ކުރުމާ ގުޅިގެން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ވިޓީވީ އާއި ވީއެފްއެމް އިން މާފަށް އެދި ބަޔާނެއް ނެރުމަށް ވެސް ވަނީ އަނގައިފަ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް ބްރޯޑްކޮމް އިން ފުރުސަތު ދިނުމުން ވީމީޑި އިން ބުނެފައި ވަނީ އަބުރާ ބެހުމުގެ ގާނޫނުގައި އަބުރާ ބެހުމުގެ ބަހަށް ދީފައިވާ ތައުރީފަށް ބަލާއިރު ބްރޯޑްކޮމް އިން ފިޔަވަޅު އެޅި ކޮންޓެންޓުގައި މީހެއްގެ އަބުރާބެހުމުގެ އެއްވެސް ބަހެއް ހިމަނާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ބްރޯޑްކޮމް އިން ބުނާ ކޮންޓެންޓުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނިފައި ނުވާނެ ކަމަށް ވެސް ވީމީޑިއާ އިން ބުނެފައި ވެއެވެ. ނަމަވެސް ބްރޯޑްކޮމް އިން ނިންމީ ލިބިފައި ހުރި ހެކިތަކުގެ މައްޗައް ބިނާކޮށް ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.