ވިޔަފާރި

ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ފަށައިފި

Mar 1, 2018
3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުން އަންނަ އާ ރަންވޭ އާއި މިހާރު ބޭނުންކުރާ ރަންވޭ ގުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ. ވީއައިއޭ ރަންވޭގެ މަސައްކަތް ކުރަނީ ރޭގަނޑު 12:00 އިން ފެށިގެން މަސައްކަތަށް ބޭނުންވާ ވަގުތަށް ރަންވޭ ބަންދުކޮށްގެން ކަމަށެވެ.

ވީއައިއޭގެ އިސް އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އާ ރަންވޭގައި މިހާރު ކުރަމުން ދަނީ ރަންވޭގެ ކަނެކްޓިން ޓެކްސީވޭގެ މަސައްކަތް ކަމަށެވެ.

"އާ ރަންވޭގައި މިހާރު ކުރަމުން ދަނީ ރަންވޭގެ ކަނެކްޓިން ޓެކްސީވޭގެ މަސައްކަތް. އެ މަސައްކަތް ކުރަނީ މިހާރުގެ ރަންވޭ ބަންދުކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި ބޯޑު ފަހަރު ކަމަށްވާ " އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން 400 މިލިއަން ޑޮލަރުގެ ލޯނަކުން ހަދާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.