ދުނިޔެ

އެމްއެޗް370 ހޯދަނިކޮށް އަޑިއަށް ގޮސްފައި އޮތް ބޯޓެއް ފެނިއްޖެ

May 14, 2015

މެލޭޝިއާ އެއާލައިންސްގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ފެނޭތޯ ބަލަމުންދާ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދުން، އަޑިއަށް ގޮސްފައި އޮތް ބޯޓެއް ފެނިއްޖެ އެވެ.

ކަނޑު ބޯޓެއް އަޑިއަށް ގޮސްފައި ވަނިކޮށް އެ ސަރަހައްދުން ފެނިފައި ވާއިރު އެއީ ބޯޓެއް އަޑިއަށް ދިޔަ ހިސާބެއް ކަމެއް ކުރިން އެނގިފައެއް ނުވެ އެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތްކުރާ ޓީމުގެ ވެރިޔަކަށް ހުންނަވާ ޕީޓާ ފޮލޭ ވިދާޅުވީ ފެނުނީ ވަރަށް ޝައުގުވެރި އެއްޗެއް ކަމަށާއި އެކަމަކު "މިއީ ހޯދަން މި އުޅޭ އެއްޗެއް ނޫން" ކަމަށެވެ. ފޮލޭ ވިދާޅުވީ އަޑިއަށް ގޮސްފައި އޮތް މި ބޯޓު ފެނުމުން ލިބެނީ އެ ސަރަހައްދަށް އެމްއެޗް 370 ވެއްޓިފައި އޮވެއްޖެ ނަމަ އެ ވެސް ފެންނާނެ ކަމުގެ ޔަގީންކަން ކަމަށެވެ.

ސާޗް ޓީމުން ބުނީ ކަނޑު އަޑި ބެލުމަށް ބޭނުންކުރާ އާލާތްތަކުން، ކަނޑު އަޑީގައި ހުރި ގިނަ އަދަދެއްގެ އެއްޗެހިތަކެއްގެ ސިގްނަލް ދިން އިރު ވެސް އެއީ ފްލައިޓާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބެލެވުނު ކަމަށެވެ. ލިބުނު ސިގްނަލްތަކާ ގުޅިގެން ސަބްމެރިން ފޮނުވައިގެން ބެލި އިރު ބޯޓެއްގެ އެކި ބައިތަކާއި ނަގިއްޔެއް ވެސް ފެންނަން އޮތެވެ.

އެމްއެޗް370 ގެއްލިފައި ވަނީ މިދިޔަ އަހަރު މެލޭޝިއާގެ ކުއާލަ ލަމްޕޫރުން 239 މީހުންނާ އެކު ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަނިކޮށެވެ. އެ ބޯޓު ފެނޭތޯ ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށް ދާއިރު މިހާތަނަށް އެ ބޯޓާ ބެހޭ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. --ބީބީސީ