ދުނިޔެ

އައިއެސްގެ ނައިބު ލީޑަރު މަރާލައިފި

May 14, 2015

އިރާގާއި ސީރިއާގައި ބާރުގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނައިބު ލީޑަރު އަބްދުއް ރަހްމާން މުސްތަފާ މުހައްމަދު ބޮމުގެ ހަމަލާއެއްގައި މަރުވެފައިވާ ކަމަށް އިރާގުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އައިއެސްގެ އޮޕަރޭޝަންތަކާ ހަވާލުވި ކަމަަށް ބުނާ، އަބޫ އަލާ އަލް އަފާރީގެ ނަމުން މަޝްހޫރު އަބްދުއް ރަހްމާން މަރުވީ އެމެރިކާ އިސްވެ އޮވެ އިރާގުގައި އައިއެސް އަށް ވައިގެ މަގުން ދޭ ހަމަލާތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ތަހްސީން އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުއް ރަހްމާން މަރުވީ މިސްކިތެއްގައި ހަނގުރާމަވެރިންގެ ބަޔަކާ ބައްދަލުކުރަނިކޮށް ދިން ހަމަލާއެެއްގައި ކަމަށެވެ.

އިރާގުގެ ބައެއް ފަރާތްތަކުން ބުނަނީ އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ ވަނީ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެ ނުކުޅެދޭ ހާލަތުގައި ކަމަށެވެ.

ޖަމާއަތުގެ ދެ ވަނަ ލީޑަރު މަރުވެއްޖެ ކަމަށް އިރާގުން ބުނި ނަމަވެސް އައިއެސް އިން އަދި އެމެރިކާ އިން ވެސް މިކަމާ އަދި ވާހަކައެއް ނުދައްކަ އެވެ. -- ބީބީސީ