ވިޔަފާރި

އެމްޓީސީސީގައި ސަރުކާރުގެ ހިއްސާ އިތުރުވެއްޖެ

Mar 3, 2018
  • ކުރިން ސަރުކާރުގެ ހިއްސާ 47.8 ޕަސެންޓް
  • މިހާރު ސަރުކާރުގެ ހިއްސާ 64.20 ޕަސެންޓް
  • އާއްމު ހިއްސާދާރުންގެ ހިއްސާ 31.15 ޕަސެންޓް

އެމްޓީސީސީގެ އިތުރު ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ، "ރައިޓް އިޝޫ" އާއެކު ކުންފުނީގެ ހިއްސާގެ އޮނިގަނޑު ބަދަލު، ސަރުކާރުގެ ހިއްސާ އިތުރުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ ހިއްސާގެ އޮނިގަނޑު ބަދަލު އައީ ސަރުކާރާއި އާއްމުންނަށް ހުޅުވާލައިގެން އިތުރު ހިއްސާ ވިއްކަން މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިޔަ "ރައިޓް އިޝޫ" ގެ ސަބަބުންނެވެ. އެ ކުންފުނިން ހިއްސާ ވިއްކަން ނިންމީ ކޮންނަ ބޯޓް މަހާޖައްރާފު ގަންނަން ސަރުކާރުން ދޫކުރި 11 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 169.6 މިލިއަން ރުފިޔާ) ގެ ލޯނުގެ ސަބަބުންނެވެ. އެ ގޮތުން އެމްޓީސީސީ އިން ފަސް މިލިއަން ހިއްސާ ވިއްކަން ހުޅުވާލި އެވެ. ނަމަވެސް 4،334 ހިއްސާދާރުންނަށް ވިއްކި ހިއްސާ އިން ލިބުނީ 188.3 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދާ، ސަރުކާރުގައި ކުރިން އޮތީ 47.8 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީހުރި ހިއްސާ ބެހިގެން ދަނީ އުވާލާފައިވާ ސަރުކާރުގެ ޝިޕިން ކުންފުނި މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އާއި އާއްމު ހިއްސާދާރުންގެ މައްޗަށެވެ.

ރައިޓް އިޝޫއާއެކު ހިއްސާގެ އޮނިގަނޑަކަށް މިހާރު އައިސްފައިވާ ބަދަލުން އެމްޓީސީސީގައި ދިވެހި ސަރުކާރުގެ
ހިއްސާއަކީ 64.20 ޕަސެންޓެވެ. އެއީ 5،160،360.00 ހިއްސާ އެވެ. އަދި އެމްއެންއެސްއެލްގެ ހިއްސާއަކީ 4.65 ޕަސެންޓް އެވެ. މިއީ 373،920 ހިއްސާ އެވެ. އަދި އާއްމު ހިއްސާދާރުންގެ އަދަދަކީ 31.15 ޕަސެންޓް އެވެ. އެއީ 2،503،469.00 ހިއްސާ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ ސާފު ފައިދާގެ ގޮތުގައި 67 މިލިއަން ރުފިޔާ ލިބިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން 385.1 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ.